އިސްލާމިކް މިލިޓަރީ އެލަޔަންސްގެ ފުރަތަމަ ބައްދަލުވުން ސައުދިއަރަބިޔާގައި ބާއްވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
އިސްލާމިކް މިލިޓަރީ އެލަޔަންސްގެ ފުރަތަމަ ބައްދަލުވުން ސައުދިއަރަބިޔާގައި ބާއްވަނީ
ޓެރަރިޒަމާ ދެކޮޅަށް މުސްލިމް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ސައުދިއަރަބިޔާ އިސްވެ އޮވެ އުފައްދައިފައިވާ އިސްލާމިކް މިލިޓަރީ އެލަޔަންސްގެ ފުރަތަމަ ބައްދަލުވުން ސައުދިއަރަބިޔާގައި ބާއްވަން ހަމަޖައްސައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އިސްލާމިކް މިލިޓަރީ އެލަޔަންސްގެ ފުރަތަމަ ބައްދަލުވުން ސައުދިއަރަބިޔާގައި ބާއްވާނީ އަންނަ މާރޗް މަހުއެވެ.

ރާއްޖެ ވެސް ބައިވެރިވެފައިވާ މިއެލަޔަންސްގައި މިހައިތަނަށް 34 ޤައުމަކުން ބައިވެރިވެފައިވާއިރު އެއިގެ ތެރޭގައި ހިމެނެނީ މުސްލިމް ޤައުމުތަކާއި މުސްލިމުންގެ މެޖޯރިޓީ އޮންނަ ޤައުމުތަކެވެ. ޗައިނާ ފަދަ ބޮޑެތި ޤައުމުތަކުންވެސް މި އެލަޔަންސަށް އެއްބާރުލުން ދޭނެކަން ވަނީ ހާމަކޮށްފައެވެ.

ޑިޕިޔުޓީ ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާން ވިދާޅުވީ މިއެލަޔަންސަކީ މުސްލިމް ޤައުމުތަކަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ވަބާއިން ސަލާމަތްވުމަށް ގުޅިގެން މަސައްކަތްކުރާނެ އެލަޔަންސެއް ކަމަށެވެ.

މުޙައްމަދު ބިން ސަލްމާން ވިދާޅުވީ މިއެލަޔަންސް އިން މަސައްކަތްކުރާނީ އައިއެސް ފަދަ ވަކި ޖަމާއަތަކާއި ދެކޮޅަށް ނޫން ކަމަށާއި ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގަމުންދާ ޓެރަރިޒަމްގެ ހުރިހައި އަމަލުތަކާއި ދެކޮޅަށް ކަމަށެވެ.
މިއަދު އޮންލައިން