4 ދަރިވަރަކު ލައްވައި ހަތިޔާރުން ބިރު ދައްކައި އަލް-ސަނާބީލްގެ ފިހާރަތަކުން މުދާ ފޭރުވަމުން ގެންދިއަ ޓީޗަރަކާއި 4 ދަރިވަރަކު ޖިއްދާގެ ފުލުހުން އަތިލައިގެންފިއެވެ.
ފުލުހުން ބުނީ މައްސަލަ ފެންމަތިވީ އެއް ކުއްޖެއްގެ ބައްޕައަށް އޭނާގެ ދަރިފުޅު އެފަދަ އަމަލުތަކެއް ކުރާކަމަށް ތުހުމަތުކުރެވިގެން ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެން ކަމަށެވެ.
އެކުއްޖާ ހަޔަރުކުރުމުން ކަމުގެ ހުރިހައި ތަފްޞީލުތަކެއް ފުލުހުންނަށް ކިޔައިދިނުމުން ފުލުހުން ކުރި މަސައްކަތުން އިތުރު 2 ކުދިން އަތުލައިގަތީ ކުލީ ކާރެއްގައި ހަތިޔާރާއި މާސްކާއި އަތުއަންގި ހިފައިގެން ދުއްވަނިކޮށެވެ. 4 ވަނަ ކުއްޖާ އަތުލައިގަތީ އަތުލައިގަނެވުނު 3 ކުދިންގެ އެހީގައެވެ.
ފުލުހުން ބުނީ މިއީ 17 އަހަރާއި 22 އަހަރުގެ ކުދިން ކަމަށާއި 3 ކުދިންނަކީ ޓީޗަރު ކިޔަވައިދޭ ސްކޫލުގެ ދަރިވަރުން ކަމަށެވެ. އަދި 4 ވަނަ ކުއްޖާއަކީ އެހެން ސްކޫލެއްގެ ދަރިވަރެއް ކަމަށެވެ.
ސައުދި އަރަބިޔާގެ އެހެން ބައެއް ސަރަހައްދުތަކުގައިވެސް މިފަދަ އަމަލުތަކެއް ހިންގަމުން ގެންދާކަމަށް މައުލޫމާތު ލިބިގެން ފުލުހުން ގެންދަނީ އެކަން ބަލަމުންނެވެ.
ޓީޗަރާއިބެހޭ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.