ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ދިނުމަށް އަފްޣާނިސްތާނުގައި ސްވިޑްންގެ ޖަމާއަތަކުން ހިންގާ ކްލިނިކަކަށް އެޑްމިޓްކޮށްފައި ތިބި ދެމީހަކާއި އެމީހުންގެ އެހީތެރިއަކަށް ހުރި 15 އަހަރުގެ ކުޑަކުއްޖަކު ކްލިނިކުން ނެރުމަށްފަހު ބަޑިޖަހައި މަރައިލައިފިއެވެ.
މި 3 މީހުން މަރައިލީ އަފްގާނިސްތާނުގެ ސިފައިންނެވެ.
ރިޕޯޓްތައް ބުނާގޮތުން އަފްޣާނިސްތާނު ސިފައިން މިއަދު އެތަނަށް ވަދެގަތުމަށްފަހު އެތަނުގެ މުވައްޒިފުންނަށްވެސް ސިފައިން ވަނީ އެކިވަރުގެ އަނިޔާތައް ކޮށްފައެވެ.
ކްލިނިކުން ބުނެފައިވަނީ މިކަމަކީ އިންސާނިއްޔަތާއި ހިލާފަށް ހިންގައިފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އެކަމާ ދެކޮޅަސް ކުރެވެންހުރި ކަންކަން ކުރާނެ ކަމަށެވެ.
މިކަމާއިބެހޭ ގޮތުން ސިފައިންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ޠާލިބާނުންގެ ކޮންޓްރޯލުގައި ހުރި ސަރަހައްދުތަކުގެ ހޮސްޕިޓަލުތަކާއި ކްލިނިކްތަކަށް ސިފައިން ގެންދަނީ ވަންނަމުންނެވެ. ވަނުމަށްފަހު ސިފައިން ގެންދަނީ އެތަންތަނުން ފަރުވާ ހޯދަމުން ގެންދާ ޠާލިބާނުގެ ހަނގުރާމަވެރިން މަރަމުންެވެ.
ހަނގުރާމައިގެ ހާލަތުގައިވެސް ހޮސްޕިޓަލްތަކުން ފަރުވާ ހޯދަމުންދާ މީހުން މެރުމަކީ ހަނގުރާމައިގެ ޖަރީމާއެއް ނަމަވެސް އަފްޣާނިސްތާނުގެ ސިފައިން ކުރާ މިފަދަ ކަންކަމާއި ދެކޮޅަށް ފިޔަވަޅު އަޅާ އެއްވެސް ފަރާތެއް ނެތްކަން ފާހަގަކުރެވެއެވެ.