އިންޑިއާގެ އަންހެނުންނަކީ ދުނިޔެއަށް ނަމޫނާ ބައެއް ކަމަށް މަޝްހޫރު ފިލްމީތަރި ސޯނަމް ކަޕޫރު ބުނެފިއެވެ. އަދި އިންޑިއާގެ އަންހެނުންގެ ތެރެއިން ރަށްފުށު ސަރަހައްދުތަކުގައި ދިރިއުޅޭ އަންހެނުންނަކީ ވަކިން ޚާއްޞަ ބައެއް ކަމަށެވެ.
ސޯނަމް ބުނީ އިންޑިއާގެ އަންހެނުންނަކީ އަމިއްލައަށް މަސައްކަތްކޮށްގެން އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދިއުމުގައި ދުނިޔެއަށް ނަމޫނާ ބައެއް ކަމަށެވެ. ރަށްފުށުގެ އަންހެނުން އެކަމުގައި ފިރިހެނުންނަށްވުރެ ވެސް ކުރީސަފުގައި ތިބޭ ކަމަށެވެ.
ސޯނަމް ބުނީ ދަރިން ބަލައި ގެދޮރު ބެލެހެއްޓުމުގެ އިތުރުން އެމީހުން ގެންދަނީ ދިރިއުޅެން ވަރަށް ބުރަކޮށް މަސައްކަތްކޮށް ޢާމްދަނީ ހޯދަމުން ކަމަށެވެ. އަދި ފިރިން ކުރާ މަސައްކަތްތަކުގައި ފިރިންނާއި އެއް ފެންވަރުގައި ބައިވެރިވެ އަމަލީ ގޮތުން މަސައްކަތް ކުރަމުން ކަމަށެވެ.
ސޯނަމް މިމޭރުމުން ވާހަކަދައްކައިފައިވަނީ 3 ދުވަހަށް ކުރިއަށް ގެންދާ އެފްސީއައިއެފްއެލްއޯ ފިލްމް ފެސްޓިވަލް ހުޅުވުމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިންޑިއާ އަންހެނުންނަކީ ހަމައެކަނި ފިލްމީ ތަރިން ނޫންކަން ހާމަކުރަމުންނެވެ. ސޯނަމް ބުނީ އިންޑިއާގެ ހަޤީޤީ ބަޠޮލާއިން ނަކީ އަންހެނުން ކަމަށާއި އެއިގެ ތެރެއިންވެސް ރަށްފުށުގެ އަންހެނުން ކަމަށެވެ.
މިފެސްޓީވަލުގައި ދައްކާ ފިލްމުތަކުގެ ތެރެއިން 40 އިންސައްތަ ފިލްމުތަކަކީ އަންހެނުން ބާރުވެރިކުރުވުމާއި ޖިންސުގެ ހަމަހަމަކަމާއި އިޖުތިމާޢީ މައްސަލަތަކުގެ މައްޗަށް އުފައްދައިފައިވާ ފިލްމުތަކެވެ.
މިރަސްމިއްޔާތުގައި މަހާރަޝްތްރާގެ ޗީފް މިނިސްޓަރ ދެވެނދްރާ ވިދާޅުވީ އުފައްދާ ފިލްމްތައް ވާންޖެހޭނީ މުޖުތަމައުއަށް ފައިދާހުރި މެސެޖުތައް ފޮނުވައިދޭ ފިލްމުތަކަކަށް ކަމަށެވެ.
ސޯނަމް ކަޕޫރަށް ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ނީރްޖާ މާދަމާ ދައްކާނެ އިރު ގިނަ ބައަކު ތިބީ އިންތިޒާރުގައެވެ.