ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމްގެ ދަށުން މ. ވޭވަށުގައި ހިންގި ވޮލީ ކޯޗިންގ ކޭމްޕު ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. އަދި މ. ނާލާފުށީގައި ވޮލީ ކޯޗިންގ ކޭމްޕެއް ފަށައިފިއެވެ.
ވޭވަށުގައި ހިންގި ވޮލީ ކޯޗިންގ ކޭމްޕު ނިންމައި ސެޓުފިކެޓް ދިނީ މި ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެރޭ ވޭވަށު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނަޟީރުއެވެ.
މި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެން 2 ހަފްތާގެ މުއްދަތަށް ހިންގި މި ވޮލީ ކޯޗިންގ ކޭމްޕުގައި 40 ޒުވާނަކު ބައިވެރިވެ ކޭމްޕު ފުރިހަމަކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 28 އަންހެން ބައިވެރިންނާއި 12 ފިރިހެން ބައިވެރިންނެވެ.
ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓާއި މުލަކު ޕޮލިސް ސްޓޭޝަންގެ އިތުރުން ވޭވަށު ކައުންސިލާއި ވޭވަށު ރަށްކުރިއަރުވާ ކޮމިޓީ ގުޅިގެން ހިންގި މި ކޭމްޕުގައި ކުޅިވަރުގެ އަހުލާޤާއި ވޮލީގެ ޤަވާއިދުތަކާއި ވޮލީގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ކޭމްޕުގެ ބައިވެރިންނަށް ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އެކުވެރިކަމުގެ މެޗުތަކެއް ވަނީ ކުޅެފަ އެވެ.
މި ވޮލީ ކޯޗިންގ ކޭމްޕުގައި ކޯޗެއްގެ ގޮތުން ހަރަކާތްތެރިވެފައިވަނީ ޕޮލިސް ކުލަބުގެ ތަޖުރިބާކާރު ދެ ވޮލީ ކޯޗުންނެވެ.
މ. ނާލާފުށީގައި ވޮލީ ކޯޗިންގ ކޭމްޕެއް ފެށީ މިއަދުއެވެ.
މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯޗިންގ ކޭމްޕުގައި ނާލާފުށީގެ 26 ޒުވާނަކު ބައިވެރިވެއެވެ.
ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓާއި މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ނާލާފުށި ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ވޮލީ ކޯޗިންގ ކޭމްޕުގައި ވެސް ކުޅިވަރުގެ އަހުލާޤާއި ވޮލީގެ ޤަވާއިދުތަކާއި ވޮލީގެ ހުނަރުތައް ދަސްކޮށްދިނުމަށާއި ވޮލީ ކޯޗިންގ ކޭމްޕުގެ ބައިވެރިންނަށް ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ދަނީ ވޮލީ ކޯޗިންގ ކޭމްޕާއި ފުޓްސަލް ކޯޗިންގ ކޭމްޕުތައް ހިންގަމުންނެވެ.