ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ޑީއީޑީ ކްލަބް ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ބްރާވޯ ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ބްރާވޯ ހޯދާފައިވަނީ އިއްޔެ ހަވީރު ބީޖީ ފުޓްސެލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗްގައި އެފް.ސީ ނާރކޯސްއާ ވާދަކޮށް 5-1 ން މެޗް ކާމިޔާބުކޮށްގެންނެވެ.
ފައިނަލް މެޗް ނިމުމުން ވަނަ ވަނައަށް އައި ޓީމްތަކަށާއި ކުޅުންތެރިންނަށާއި އޮފިޝަލުންނަށް އިނާމު ހަވާލުކޮށްދެއްވީ ފައިނަލް މެޗް ގެ ޝަރަފްވެރި މެހެމާން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ އިތުރުން ފުލުހުންގެ ސީނިއަރ އޮފިސަރުންނެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ބްރާވޯ ޓީމްގެ ޖާޒީ ނަމްބަރ 10 ޒައިދު ޝަރީފްއެވެ.
މުބާރާތުގެ އެންމެ މޮޅު 05 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ބްރާވޯ ޓީމްގެ މޫސާ ހަލީލް އާއި ޒައިދް ޝަރީފް އާއި މުހައްމަދު އަލީ އާއި އެފް.ސީ ޑްރެގޯ ޓީމްގެ އަބްދުލް ބާރީ އަލީގެ އިތުރުން އެފް.ސީ ނާރކޯސް ޝިފާޒްއެވެ.މި މުބާރާޓުގެ އެންމެ ގިނަ ގޯލްޖެހިކުޅުންތެރިޔަކަށް ބްރާވޯ ޓީމްގެ މުހައްމަދު އަބްދުލް ހަކީމް ހޮވިފައިވާއިރު މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ރޯމިއޯ ޓީމްއެވެ.މި މުބާރާތުގެ 03 ވަނަ ޓީމަކަށް ހޮވިފައިވަނީ އަލްފާ ޓީމްއެވެ.
މި ފެބުރުއަރީ 12 ވަނަ ދުވަހު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވެއެވެ. މި ޓީމްތަކުގެ ތެރޭގައި ހިމެނެނީ ޑީއީޑީ އޮޕަރޭޝަންގެ ޔުނިޓުގެ 6 ޓީމާއި އެޑްމިން ސަޕޯޓްގެ 2 ޓީމާއި ޑީއީޑީ އިންޓެލްގެ ޓީމާއި ފާރަގެމަ ޓީމެވެ.
ޑީއީޑީ ކްލަބް ފުޓްސެލް މުބާރާތް ނިއްމުމުގެ ރަސްމިއްޔާތުގައި ފައިނަލް މެޗް ގެ ޝަރަފްވެރި މެހެމާން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އާއި އިންފޯރމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީ އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ އައީ ހެޑް އޮފް ޑްރަގް އެންޑް ކެމިކަލް ލެބޯޓްރީ އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ސުޒީގެ އިތުރުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިސް އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.