ހަމަޖެހުމާ އަމާންކަމާ ކުރިއެރުން ބޭނުންނަމަ ޑްރަގާ ބަނގުރަލުން ޤައުމު ސަލާމަތްކުރަންޖެހޭ: އިސް މުފްތީ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ހަމަޖެހުމާ އަމާންކަމާ ކުރިއެރުން ބޭނުންނަމަ ޑްރަގާ ބަނގުރަލުން ޤައުމު ސަލާމަތްކުރަންޖެހޭ: އިސް މުފްތީ.
ޤައުމަށް އަމާންކަމާއި ހަމަޖެހުން އަދި ކުރިއެރުން ބޭނުންނަމަ ޑްރަގުގެ ބާވަތްތަކާއި ބަނގުރަލުން ޤައުމު ސަލާމަތްކުރަންޖެހޭ ކަމަށް ސައުދިއަރަބިޔާގެ އެންމެ އިސް މުފްތީ ފަޟީލަތުއްޝައިޚް ޢަބްދުލްޢަޒީޒް އަލްޝައިޚް ވިދާޅުވެއްޖެއެވެ.

މުފްތީ މިމޭރުމުން ވިދާޅުވީ ޑްރަގުގެ ބާވަތްތަކާއި ބަނގުރަލާއި އަދި މަސްތުވުމަށް ބޭނުންކުރާ ބޭސް ފަދަ ތަކެތި އަތުލައިގަތުމުގައި ސައުދީ ސަލާމަތީ ބާރުތަކުން ޙޯދަމުން ގެންދާ ކަމިޔާބީ ފާހަގަކުރައްވައި ތައުރީފް ކުރައްވަމުންނެވެ.

މުފްތީ ވިދާޅުވީ ފާއިތުވި ދެތިން ހަތަރު މަހަށް ބެލި ނަމަވެސް މުޅި ދުނިޔެއިން އަތުލައިގަތް މަސްތުވާތަކެތީގެ ތިންބައިކުޅަ ދެބައާއި އެއްވަރުގެ އަދަދެއް އަތުލައިގެންފައިވަނީ ސައުދީ ސަލާމަތީ ބާރުތަކުން ކަމަށެވެ.

މުފްތީ ވިދާޅުވީ ޒުވާނުންގެ ވިސްނުން ހަމައިން ނައްޓުވައި މުޖުތަމައުއަށް ގެއްލުންހުރި ކަންކަން ކުރަން މަގުފަހިކޮށްދޭ އެންމެ ބޮޑު ވަސީލަތަކީ ޑްރަގްގެ ބާވަތްތަކާއި ބަނގުރާ ކަމަށެވެ.

މަސްތުވާތެކެތީގެ މައްސަލަތަކުގައި ޝާމިލުވާ އަދި އަތުލައި ގަނެވިފައިވާ މީހުންނަށް އިޝާރާތް ކުރައްވައި މުފްތީ ވިދާޅުވީ އެމީހުންނަކީ އަޤީދާ ބަލިކަށި އަދި ނަޒާހާތްތެރިކަމެއް ނެތް ކޮރަޕްޓް މީހުން ކަމަށެވެ. "ކަލޭމެންގެ ހިތްތަކުގައި އީމާންކަން ނެތީ. ބަލި ކަށީ. އެހެންވެ ކަލޭމެން މުޖުތަމައު ފަސާދަކުރަނީ. މީހުން މަރައި ޖަރީމާ ހިންގަނީ."

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން ކުރާ މަސައްކަތްތަކުގައި އެންމެ އިސްވެރިއަކަށް ހުންނެވި ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު އަލްޒަހްރާނީ ވިދާޅުވީ ޑްރަގުގެ ވަބާއިން ސަލާމަތްވެވޭނީ އަވަށްޓެރި ޤައުމުތަކާއި މުޅި ދުނިޔެ އިން އެކަމަށް މަސައްކަތްކޮށްގެން ކަމަށެވެ.

އަލްޒަހްރާނީ ވިދާޅުވީ ސައުދިއަރަބިޔާއަށް އެތެރެކުރާ ޑްރަގުގެ ބާވަތްތައް އުފައްދާ ތަންތަނާއި ފެކްޓްރީތަކުގެ މައުލޫމާތު ސައުދީ އިންޓެލިޖެންސަށް އެނގޭ ކަމަށެވެ. އެތަންތަން ނައްތައިލަން ސައުދިއަރަބިޔާއިން މަސައްކަތްކުރާނެ ކަމަށެވެ.
މިއަދު އޮންލައިން