ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ ވާދައިގެ ތަށްޓަށް ކުޅެވޭ ފުރަތަަމަ ސީޖީ އޯޕަން އެއިޓްބޯލް ބިލިއަރޑް ޓޯނަމަންޓް މިއަދު ފަށައިފިއެވެ. މި މުބާރާތް ހުޅުއްވައިދެއްވީ ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނެއިދުއެވެ.
ކަސްޓަމްސް ރިކްރިއޭޝަން ކްލަބު (ސީ.އާރު.ސީ) ގެ ފަރާތުން އިންތިޒާމުކޮށްގެން މިއަދުން ފެށިގެން މާރިޗު މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މިމުބާރާތުގައި ތަފާތު 02 ޑިވިޜަނަކުން ޖުމްލަ 62 އޮފިސަރުން ބައިވެރިވެއެވެ. އެއީ ފުރަތަމަ ޑިވިޜަންގައި 22 އަދި ދެވަނަ ޑިވިޜަންގައި 42 އޮފިސަރުންނެވެ.
މިމުބާރާތުގެ މަޤުޞަދަކީ ކަސްޓަމްސް މުވައްޒަފުންގެ މެދުގައި ބިލިއާޑުގެ ޝައުޤުވެރިކަން އިތުރުކޮށް ކުޅުންތެރިން އުފެއްދުމާއި، މުވައްޒަފުންގެ މެދުގައި އެކުރެވިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ.
މި މުބާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން ސީއާރުސީ ގެ ޗެއަރމަން އަދި ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނެއިދު ދެއްކެވި ވާހަކަފުޅުގައި، ކަސްޓަމްސް ފަދަ މުހިއްމު އަދި ބުރަ ޤާނޫނީ ޒިންމާ ތަކެއް އަދާކުރާ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުގެ ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މުވައްޒަފުންގެ މެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ބާރުއެޅުއްވުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާޞްކުރެއްވިއެވެ.