ސީރިޔާ ސަރުކާރުން ހަމަލާދޭތީ އާ އެހީ ލިބުން ލަސްވާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފައުޅުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސީރިޔާ ސަރުކާރުން ހަމަލާދޭތީ އާ އެހީ ލިބުން ލަސްވާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފައުޅުކޮށްފި
ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 އިން ފެސިގެން ހަމަލާ ދިނުން ހުއްޓައިލުމަށް އެއްބަސްވެފައިވީ ނަމަވެސް ސީރިޔާ ސަރުކާރުން ހަމަލާ ދެމުން ގެންދާތީ އާއި އެއްބަސްވެފައިވާ ގޮތަށް ރައްޔިތުންނަށް އެހީގެ ތެކެތި ނުލިބި ލަސްވާތީ އިދިކޮޅު ހަނގުރާމަވެރި ގްރޫޕުތަކުން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.

އިދިކޮލު ފަރާތްތަކުން މިއަދު ބުނީ ހަނގުރާމަ މެދުކަނޑައިލަން އެއްބަސްވިފަހުން މިހައި ތަނަށް ސީރިޔާ ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ ބާރުގެދަށުގައިވާ 15 ސަރަހައްދަކަށް ބަރުހަތިޔާރުންނާއި ގޮވާތަކެތިން ހަމަލާތައް ދީފައިވާ ކަމަށެވެ. އަދި ރަސިއާ ސިފައިން ވަނީ 2 އަވަށަކަށް ވައިގެ މަގުން ހަމަލާތައް ދީފައި ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިމޭރުމުން ބުނަމުން ގެންދާއިރު ރަސިއާ އިން ގެންދަނީ ތުރުކީގެ ސަހައްދުން ރޭ ބަރުހަތިޔާރުން ސީރިޔާ ސިފައިންނަށް ހަމަލާދިން ކަމަށް ތުހުމަތުކުރަމުންނެވެ. އަދި އެކަން ބަލައިދިނުމަށް ރަސިއާ އިން ވަނީ އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުން އެދިފައެވެ.

އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނަނީ އެހީގެ ގާފިލާތައް ލަސްވަނީ ހަމަޖައްސަންޖެހޭ ކަންކަން ހަމަނުޖެއްސިގެން ކަމަށާއި މިހާރު އުންމީދު ކުރެވެނީ މާދަމާ ހެނދުނު އެހީގެ ގާފިލާތައް ފޯރަން ފަށާނެ ކަމަށް ކަމަށެވެ.

ހަނގުރާމަ މެދުކަނޑައިލުމަށް ކުރި މަޝްވަރާތަކާއި އެއްގޮތަށް ކަންކަން ކުރިއަށް ނުދާނަމަ ދެން ވާނެގޮތަކާއިމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
މިއަދު އޮންލައިން