ދީނީ މިނިވަންކަން ނެތީ މުސްލިމުންނަށް: ފައިޞަލް ބިން ޙަސަން ތްރާދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ދީނީ މިނިވަންކަން ނެތީ މުސްލިމުންނަށް: ފައިޞަލް ބިން ޙަސަން ތްރާދް
ދީނީ މިނިވަންކަން މިއަދު ނެތީ މުސްލިމުންނަށް ކަމަށާއި ބައެއް ޤައުމުތަކުން އެޤައުމުތަކުގެ މުސްލިމުންނަށް ތަފާތު ގޯނާތައް ކުރާ ކަމަށް ސައުދިއަރަބިޔާއިން އދގެ ހިޔުމަން ރައިޓްސް ކައުންސިލަށާއި ޖެނީީވާގައި ހުންނަ ބައިނަލްއަޤްވާމީ މިޝަންތަކަށް ކަނޑައަޅުއްވައިފައިވާ މަންދޫބު ފައިޞަލް ބިން ޙަސަން ތްރާދް ވިދާޅުވެއްޖެއެވެ.

ފައިޞަލް ބިން ޙަސަން ތްރާދް މިކަން ހާމަކުރެއްވީ ޖެނީވާގައި ހުންނަ އދގެ ހިޔުމަން ރައިޓްސް ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައެވެ.
ފައިޞަލް ބިން ޙަސަން ތްރާދް ވިދާޅުވީ ބައެއް ހާލަތްތަކުގައި މުސްލިމުން އެމީހުންގެ ޤައުމުތަކުން ބޭރުކޮށްފައިވާކަން ފާހަގަ ކުރައްވާ ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ.

ފައިޞަލް ބިން ޙަސަން ތްރާދް ވިދާޅުވީ އިސްލާމް ދީނާއި ތައާރަޒްވާ އެއްވެސް ކަމެއް ސައުދިއަރަބިޔާއިން ބަލައި ނުގަންނާނެ ކަމަށެވެ. އަދި އދ ގެ މުޢާހަދާތަކުގައި ލިޔާހައި އެއްޗެއް ސައުދިއަރަބިޔާއިން ޤަބޫލު ނުކުރާނެ ކަަމަށެވެ. "ކިތަންމެ ރީތި އިބާރާތްތަކުން ކިތަންމެ ތަފްޞީލުކޮށް ލިޔުނު ނަމަވެސް އިސްލާމް ދީނާއި ތަޢާރަޒްވާ އެއްވެސް ކަމެއް ސައުދިއަރަބިޔާއިން ޤަބޫލެއް ނުކުރާނެ."

ފައިޞަލް ބިން ޙަސަން ތްރާދް ވިދާޅުވީ މީސްތަކުން އުފެއްދެވި، މީސްތަކުންގެ މިލްކުވެރި ފަރާތަކީ ﷲ ކަމަށާއި ދީނީ މިނިވަންކަން ﷲ ދެއްވަވައިފައި ނުވާ ކަމަށެވެ. އަދި ﷲ ވަހީ ކުރައްވަވައިފައިވަނީ ﷲގެ ޙަޟްރަތުގައި ދީނަކީ ހަމައެކަނި އިސްލާމް ދީން ކަމަށާއި ﷲ އަމުރުފުޅު ކުރައްވަވައިފައިވަނީ ﷲ އަށް އީމާންވެ އިސްލާމް ދީނުގައި ސާބިތުވެތިބުމަށް ކަމަށެވެ. "އެހެންވީމާ އދ އަކަށް ނުއެންގޭނެ ދީނީ މިނިވަންކަން ދޭކަށް. އެންމެ މަތިވެރީ ﷲ. އދ އަކީ ﷲ އުފެއްދެވި މަޚްލޫޤުން އުފައްދައިގެން އުޅޭ ތަނެއް. އެހެންވީމާ ﷲގެ އަމުރުފުޅުތަކަށް ގޮންޖެހުމަކީ އދ އަށް ކުރެވޭނެ ކަމެއް ނޫން."

ފައިޞަލް ބިން ޙަސަން ތްރާދް ވިދާޅުވީ ސައުދިއަރަބިޔާގައި ދީނީ މިނިވަންކަން އޮންނަ ކަމަށާއި ނަމަވެސް އެއީ ސައުދީ ރައްޔިތުންނަށް ނޫން ކަމަށެވެ. އަދި ސައުދިއަރަބިޔާއަކީ އެހެން ދީންތަކުގެ މީހުންނަށް މަޖުބޫރު ކުރުވައިގެން އިސްލާމް ދީނަށް ވައްދުވާ ޤައުމެއް ނޫން ކަަމަށެވެ.

ފައިޞަލް ބިން ޙަސަން ތްރާދް ވިދާޅުވީ ސައުދިއަރަބިޔާގައި ބޭރުގެ މިޝަންތަކުގެ އިމާރާތުގައި އެމީހުން ކުރާ ދީނީ ކަންކަމާއި ސަރުކާރުން ނުބެހޭ ކަމަށެވެ. ނަމަވެސް މީހުންގެ ގޭގޭގައި އެމީހަކު ހިތަށްއެރިހައި ކަމެއް ނުކުރެވޭނެ ކަމަށެވެ.

ކުއްޔަށް ތިބޭ މީހުންނަށް ކުއްޔަށް ތިބޭ ތަންތަނުގައި އެމީހަކު ބޭނުންހައި ކަމެއް ނުކުރެވޭނެކަން ވެސް ފައިޞަލް ބިން ޙަސަން ތްރާދް ވަނީ ހާމަކުރައްވައިފައެވެ. "ގެދޮރަކީ ޙުރުމަތްތެރިވެގެންވާތަނެއް. އެތަންތަނުގައި ކުރެވޭނީ ގެދޮރުގެ ވެރިން ކުރަން ހުއްދަދޭ ކަންކަން. ގެދޮރަށް ވަދެވޭނީ ވެސް ގެދޮރުގެ ވެރިންގެ ހުއްދަ ލިބިގެން."

އިންސާނީ ހައްޤުތައް އެންމެ ބޮޑަށް ޙިމާޔަތް ކޮށްފައިވަނީ އިސްލާމް ދީުގައި ކަަމަށާއި އެ ހަޤީޤަތް ޤަބޫލުކުރުން މާރަނގަޅުވާނެ ކަަމަށްވެސް ފައިޞަލް ބިން ޙަސަން ތްރާދް ވިދާޅުވިއެވެ.
މިއަދު އޮންލައިން