ތަފާތު ކަންކަމާއި ގުޅިގެން ގެދޮރު ދޫކޮށް ފިލާ އަންހެން ކުދިންނާއި ތަފާތު ކުށްތައް ކުރަން މަގުމަތީގައި އުޅޭ އަންހެން ކުދިންގެ މައްސަލަތަކަށް އޮތް އެންމެ ރަނގަޅު ހައްލަކީ ނަޞޭޙަތްދީ ހޭލުންތެރިކުރުވުމަށްފަހު ކައިވެނިކޮށްދިނުން ކަމަށް މައްކާގައި އެފަދަ އަންހެން ކުދިން ބަލަހައްޓާ މަރުކަޒުގެ ޑިރެކްޓަރ ޙަފްޞާ ޝުޢައިބު ވިދާޅުވެއްޖެއެވެ.
ޙަފްޞާ ވިދާޅުވީ ގޭތެރެއިން ދިމާވާ ތަފާތު މައްސަލަތަކާއި ގުޅިގެން ގެއިން ފިލާ ގިނަ އަދަދެއްގެ އަންހެން ކުދިންނާއި މަސްތުވާތަކެތި ބޭނުންކުރާ އަދި ވައްކަންކުރުން ފަދަ ކުއްތައް ކުރަން މަގުމަތީގައި އުޅޭ ގިނަ އަދަދެއްގެ އަންހެން ކުދިން އެމަރުކަޒަށް ގެންްދެވޭ ކަމަށެވެ.
ހަފްޞާ ވިދާޅުވީ އެމަރުކޒަށް ގެންދެވުނު ކުދިންގެެ ތެރެއިން 326 އަންހެން ކުދިންނަށް މިހާރުވަނީ ކައިވެނިކޮށްދީފައި ކަމަށެވެ. އަދި އެފަދަ ކުދިން ދިރިއުޅެމުން ގެންދަނީ ރަނގަޅަށް ކަމަށެވެ.
ޙަފްޞާ ވިދާޅުވީ އެސެންޓަރުން އިޞްލާޙުކުރުމުން ވެސް މައިން ބަފައިން ދަރިންނާއި ހަވާލުވުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އެފަދަ މައްސަލަތަކުގައި މައިންބަފައިންނާއި މަޝްވަރާ ކުރުމުންވެސް ހަވާލުވުމަށް ދެކޮޅު ހަދާނަމަ ގަދަކަމުން ހަވާލުކުރުމުގެ ބަދަލުގައި އެފަދަ ކުދިން ބަދަލުކުރަނީ ސަރުކާރުން ކުދިން ބަލަހައްޓާ ޚާއްޞަ މަރުކަޒުތަކަށް ކަމަށެވެ.
ޙަފްޞާ ވިދާޅުވީ އެތަނަށް ގެންދެވޭ ކުދިންނަށް ކިޔަވައިދީ އާންމު ތައުލީމު ފުރިހަމަކުރަން މަސައްކަތްކުރާ ކަމަށެވެ. އިތުރު ގޮތްތައް ހަމަޖައްސައިދެނީ ކިޔަވައިދިނުމަށްފަހު ކަމަށެވެ.
"ބައެއް ކުދިން ކިޔަވަން ބޭނުމެއް ނުވޭ، އެފަދަ ކުދިންނަށް އޮތީ ދެ ގޮތް. އެއީ ކީރިތި ޤްރްއާން ހިތުދަސްކުރުން. ނޫނީ ދިރިއުޅެން ކުރާނެ ރަނގަޅު މަސައްކަތެއް ދަސްކުރުން. މި ޕްރޮގްރާމްތަކުގެ ނަތީޖާ ވަރަށް ރަނގަޅު." ހަފްޞާ ވިދާޅުވިއެވެ.
ހަފްޞާ ވިދާޅުވީ އަންހެން ދަރިން ބަލަހައްޓައި ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަކީ މައިންބަފައިންގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށްވާއިރު އެކަމަށް ބަފައިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަަމަށެވެ.
ރާއްޖޭގައި ވެސް ތަފާތު ސަބަބުތައް މެދުވެރިވެ ކުށްކުރާކުދިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މިފަދަ މަރުކަޒުތަކުން އަަމަލުކުރާފަދަ ހަރުދަނާ ގޮތަކަށް ކުށްކުރާ ކުދިންނާއިމެދު އަމަލުކުރަން ފެށުން މުހިންމުކަން ގިނަ ބައަކު ފާހަގަކުރެއެވެ.