ސައުދިއަރަބިޔާގައި ފެތުރެމުންދާ މެއަރސް ބަލީގައި ފާއިތުވި ދެ ދުވަސް ތެރޭގައި 4 މީހަކު މަރުވެފައިވާ ކަމަށާއި އިތުރު 7 މީހަކަށް ބަލިޖެހިފައިވާކަމަށް ސައުދީ ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ މަރުވި 4 މީހުންނަކީ ބުރައިދާގެ 4 މީހުން ކަމަށާއި އެގިގެ ތެރެއިން 3 މީހުންނަކީ 20 އަހަރުގެ މީހުން ކަމަށާއި އެކަކީ 50 އަހަރުގެ މީހެއް ކަމަށެވެ. އަދި އަލަށް ބަލިޖެހުނީ ބުރައިދާގެ 3 އަންހެނުންނާއި 2 ފިރިހެނުންގެ އިތުރުން ޠާއިފް އާއި ޖުބައިލްގެ ދެ މީހުން ކަމަށެވެ.
2012 ވަނަ އަހަރުގެ ޖޫން މަހުންފެށިގެން މިހައިތަނަށް 1335 މީހުންނަށް ވަނީ މެއަރސް ބަލި ޖެހިފައެވެ. އެއިގެ ތެރެއިން 567 މީހުން ވަނީ މަރުވެފައެވެ. 20 މީހަކަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ.
ފާއިތުވި 4 ދުވަހަށް ބަލައިފިނަމަ 19 މީހަކަށް ވަނީ ބަލި އަރައިފައެވެ. އަދި 7 މީހަކު ވަނީ މަރުވެފައެވެ. ބުރައިދާގައި ބަލި ފެތުުރުން އިތުރުވެފައިވާތީ ހެލްތް މިނިސްޓްރީން ވަނީ އަލްޤައްސިމްގެ މީހުންނަށް އިތުރަށް ސަމާލުކަން ދިނުމަށް އަންގައިފައެވެ.