ހަރުކަށި ފިކުރުތަކަށް ތަބައަވެ ހަނގުރާމަތަކަށްދާ ޒުވާނުންނާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޒުވާނުންނަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ހަޤީޤަތް ވިސްނައިދިނުމެވެ.
ސައުދިއަރަބިޔާގެ މުޙައްމަދު ބިން ނާއިފް ކައުންސެލިންގ އެންޑް ކެޔަރ ސެންޓަރުން ބުނީ އެސެންޓަރުން ގެންދަނީ ގިނަ ބައަކަށް ވިސްނައިދެމުން ކަމަށެވެ.
އެސެންޓަރުން ބުނީ ތަފާތު ސަބަބުތަކާއިހުރެ ހަރުކަށި ފިކުރު ޚިޔާރުކުރާ ޒުވާނުންނަށް އަލުން ވިސްނައި ދިނުމަކީ ފަސޭހަކަމެއް ނޫންކަމަށާއި އެތައް ހާސް ސެޝަން ތަކެއް ކުރިއަށް ގެންދިއުމުން ވެސް ނުކުންނަ ނަތީޖާ ވަރަށް "ކުޑަ" ކަމަށެވެ. ނަމަވެސް ކުރަން އޮތް ހަމައެކަނި ކަމަކީ ނަޞޭޙަތްދީ ވިސްނައިދޭން މަސައްކަތްކުރުން ކަމަށެވެ.
އެސެންޓަރުން ބުނީ މިހާރުވެސް 3000 އަށްވުރެ ގިނަ މީހުންނަށް ކައުންސިލިންގ ދެމުން ގެންދާ ކަމަށާއި އެއިގެތެރޭގައި އަންހެނުންވެސް ހިމެނޭ ކަމަށެވެ.
އެސެންޓަރުން ފަރުވާދޭ މީހުން ރަނގަޅުވުމުން އެމިހުންނަށް އަމިއްލައަށް ދިރިއުޅެވޭނެ އިންތިޒާމުތައް ގެންދަނީ ހަމަޖައްސައިދެމުންނެވެ. ފަރުވާ ހޯދަމުން ގެންދާ ފަޤީރުންގެ ޢާއިލާތަކަށް މާލީ އެހީތެރިކަންވެސް ގެންދަނީ ފޯރުކޮށްދެމުންނެވެ.
އެސެންޓަރުގެ ކައުންސެލިންގ ދޭ ކޮމިޓީގެ މެންބަރު ޢަބްދުﷲ އަލްއުސައިލިމް ވިދާޅުވީ ޓެރަރިޒަމުގެ ކުށްތައް ކުރާ މީހުންގެ ކުށް ސާބިތުވެ ޙުކުމް އިއްވުމުން އެ ޙުކުމް އަވަހަށް ތަންފީޒުކުރުން ވަރަށް މުހިންމު ކަމަށެވެ. "އެހެން ނޫނީ އެމީހުން ގެންދަނީ ގިނަބައަކު މަގުފުރައްދަމުން."
ޒުވާނުންނަށް މަގު އޮޅި ޓެރަރިޒަމުގެ އަމަލުތައް ހިންގަނީ އެމީހުން ގުޅިގެން އުޅޭ ރަހްމަތްތެރިންގެ ސަބަބުންކަން އުސައިލިމް ފާހަގަކުރައްވައެވެ.