ފޮތް ގަންނަ މީހުންގެ 76 އިންސައްތަ މީހުން ބަލަނީ ބޭރުގަނޑަށް: ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ފޮތް ގަންނަ މީހުންގެ 76 އިންސައްތަ މީހުން ބަލަނީ ބޭރުގަނޑަށް: ދިރާސާ
ފޮތް ގަންނަ މީހުންގެ 76 އިންސައްތަ މީހުން ބަލަނީ ފޮތުގެ ބޭރުގަނޑަށް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޕްރިންސަސް ނޫރާ ބިންތި އަބްދުއްރަޙްމާން ޔުނިވަރސިޓީީގައި ރިސަރޗް ކުރުމުގެ މަސައްކަތް ކުރައްވާ ވަސީމާ މުޙައްމަދު އަލްއަޝްވީ ވިދާޅުވީ ފޮތުގެ ސުރުޚީ ނުވަތަ ކިޔާ ނަމަވެސް މީހުން ބަލާ ކަމަށާއި ނަމަވެސް އެންމެ ގިނަ މީހުން ޝައުޤުވެރިވަނީ ފޮތުގެ ބޭރުގަނޑަށް ކަމަށެވެ.

ވަސީމާ މިކަން ހާމަކުރެއްވީ ރިޔާޛް އިންޓަރނޭޝަނަލް ބުކް ފެއަރގެ ޘަޤާފީ ކޮމިޓީ އާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ފޮތްތަކަށް މީހުންގެ ސަމާލުކަން ހޯދުމަށް ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ހާމަކުރައްވަމުންނެވެ.

ވަސީމާ ވިދާޅުވީ އޭނާގެ ހޯއްދެވުންތަކަށް ބައްލަވާއިރު ކިތަންމެ ރަނގަޅު ފޮތެއްނަމަވެސް ފޮތުގެ ބޭރުގަނޑުގައި ޝައުޤުވެރިކަމެއް ނެތްނަމަ މީހުން އެ ފޮތެއް ގަތުމަށް ފަސްޖެހެއެވެ. އެހެންކަމުން ފޮތުގެ ބޭރުގަނޑަކީ މީހުން ޝައުޤުވެރިވާފަދަ އެއްޗަކަށް ހަދަންޖެހެއެވެ.

ފެއަރއަށް ޒިޔާރަތްކުރި ބައެއް މީހުން ބުނެފައިވަނީ އީ-ފޮތްތައް ފެއިލްވެފައިވާ ކަމަށާއި އަދިވެސް މީހުންގެ ޝައުޤުވެރިކަން ބޮޑީ ޗާޕުކުރި ފޮތްތަކަށް ކަމަށެވެ.

ޚާލިދު އަލްޒަހްރާނީ ވިދާޅުވީ ޗާޕުކުރި ފޮތްތައް އުފުލަން ބަރު ނަމަވެސް އަދިވެސް ގިނަ ބައަކު ކިޔަން ބޭނުންވަނީ ޗާޕުކުރި ފޮތްތައް ކަމަށެވެ. އަދި ދަތުރުތަކުގައި ކިޔަނީވެސް ޗާޕުކުރި ފޮތްތައް ކަމަށެވެ.

ޚާއްޞަކޮށް ކުޑަކުދިން ކިޔަން ޝައުޤުވެރިވަނީ ޗާޕުކުރި ފޮތްތައްކަންވެސް ގިނަ ބައަކު ފާހަގަކުރިއެވެ.

ބައެއް ކުރެހުންތެރިން ބުނީ ފޮތުގައި ލިޔެފައިވާ ލިޔުންތަކާއި ނުގުޅޭ ގޮތަށް ބައެއް ފޮތްތަކުގެ ބޭރުގަނޑު ޑިޒައިންކޮށްފައި ހުންނަ ކަމަށާއި އެއީ ރަނގަޅުގޮތެއް ނޫން ކަމަށެވެ.

ފޮތަށާއި ފޮތް ކިޔުމަށް މީހުންގެ ސަމާލުކަން ހޯދަން ބާއްވާ ފެއަރތަކަށް ދަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ. އެގޮތުން ރިޔާޛް ފެއަރއަށްވެސް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ.
މިއަދު އޮންލައިން