މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައިތިބި ގައިދީންގެ ތެރެއިން އައްސޭރި ޖަލުގައި ތިބި ގައިދީންނަށް އިންތިޒާމްކޮށްގެން ބޭއްވި ފުޓްބޯޅަ މުބާރާތް އިއްޔެ ނިމިއްޖެއެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި ޓީމް ގްރީން އާއި ޓީމް އޮރެންޖް ބައްދަލުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަތަރު ލަނޑު ދެ ލަނޑުން، ޓީމް ގްރީންއެވެ
މި މުބާރާތް ނިންމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީއެވެ. އަދި ޗެމްޕިއަންކަން ހޯދި ޓީމަށް ތައްޓާއި، ވަނަތައް ހާސިލުކުރި ކުޅުންތެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީވެސް ޝަރަފްވެރި މެހެމާނެވެ. މި ހަފްލާގައި އައްސޭރި ޖަލުގެ އޮފިސަރުންނާ ގައިދީންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
އައްސޭރި ޖަލުން ބުނީ މި މުބާރާތަކީ ގައިދީން ރަނގަޅު ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން އައްސޭރި ޖަލުގައި ތިބި ގައިދީންނަކީ ވިސްނުމުގެ ގޮތުންނާއި އަހުލާގީ ގޮތުން ރަނގަޅު ދުޅަހެޔޮ ބައަކަށް ހެދުމުގެ މަގްސަދުގައި ކުރިއަށް ގެންދިއަ މުބާރާތެއް ކަމަށެވެ. .
ޖުމްލަ 6 ޓީމް ވާދަކުރި މިމުބާރާތް ކުރިއަށް ދިއައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މިމުބާރާތަކީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އައްސޭރި ޖަލުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.