ދުބާއީގެ ގުޑުގުޑާބޯ ކެފޭތަކަށް މާބަނޑު އަންހެނުން ވަނުން މަނާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދުބާއީގެ ގުޑުގުޑާބޯ ކެފޭތަކަށް މާބަނޑު އަންހެނުން ވަނުން މަނާކޮށްފި
ދުބާއީގައި ހުރި ގުޑުގުޑާ (ޝީޝާ) ބޯ ކެފޭތަކަށް މާބަނޑު އަންހެނުން ވަނުން މަނާކޮށްފިއެވެ.

ދުބާއީ މުނިސިޕަކިޓީން ބުނީ މާބަނޑު އަންހެނުންނަށް ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަޒީފާ އާއި އިނާޔަތްތައް ދުބާއީ ސަރުކާރުން ވަނީ ދާދިފަހުންވެސް އިތުރުކޮށްފައި ކަމަށެވެ. އަދި މިފަދަ ފިޔަވަޅެއް އެޅީ ދުންފަތުގެ އިސްތިއުމާލުކުރުމުން މާބަނޑު އަންހެނުން ދުރުކުރުވަން ސަރުކާރަށް އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ގޮތުން ކަމަށެވެ.

"ސަރުކާރުން ބޭނުމެއް ނުވޭ އެމީހުން ގުޑުގުޑާ ބޯނެތޯ ނުބޯނެތޯ ބަލާކަށް. ގުޑުގުޑާ ބޯ ކެފޭތަކަށް މާބަނޑު އަންހެނަކަށް ދެން ނުވަދެވޭނެ. އެތަންތަނަކީ ދުމުން ފުރިފައިވާ ތަންތަން. އެހެންވީމާ އަމިއްލައަށް ނުބުއި ނަމަވެސް މާބަނޑު އަންހެނުންގެ ޞިއްޙަތަށް ބޮޑެތި ގެއްލުންތަކެއް އެތަނަށް ވަނީމަ ލިބޭނެ."

މުނިސިޕަލިޓީގެ ޑިރެކްޓަރު މަރުވާން އަލް މުޙައްމަދު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް ހުންނަ ކެފޭތަކުގެ މަނާ ސަރަހައްދުގައި އަންހެނުންނަށް ތިބެވިދާނެކަމަށެވެ. އަދި މިކަމަކީ އެއްވެސް ވަރަކަށް އިތުރަށް މަޝްވަރާކުރަން ސަރުކާރުން ބޭނުންވާ ނިންމުމެއް ނޫން ކަމަށެވެ.

މަރުވާން ވިދާޅުވީ ގުޑުގުޑާބޯ ކެފޭތަކަށް ކުޑަކުދިން ވެއްދުންވެސް ވާނީ މަނާކޮށްފައި ކަމަށާއި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރަން ހަދާ ޤަވާއިދުތަކަށް އަމަލުނުކުރާތީ ގުޑުގުޑާބޯ 15 ކެފޭއެއް މިދިއަ ހަފްތާ ބަންދުގައި އެކުގައި ބަންދުކޮށްފައިވާ ކަމަށެވެ.

ބައެއް ކެފޭތަކުގެ މެނޭޖަރުން ބުނީ ސަރުކާރުގެ މިނިންމުމަށް މަރުހަބާކިޔާ ކަމަށެވެ. އަދި މިފިޔަވަޅަކީ އެމީހުން ކުރިންވެސް އަޅަން ބޭނުންވި ފިޔަވަޅެއް ކަމަށާއި ތަންފީޒުކުރަން ދަތިވީ ސަރުކާރުން ޤަވާއިދު ހެދުން ލަސްވުމުން ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވަން ބޭނުންވާ ޤައުމުތަކުން ގެންދަނީ ހަމައެކަނި ބޯޑެއް ބެހެއްޓުމުގެ ބަދަލުގައި ޤަވާއިދުތައް ހަދައި ތަންފީޒުކުރަން މަސައްކަތް ކުރަމުންނެވެ.
މިއަދު އޮންލައިން