ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި އެންމެ ބޮޑު ޖަމާއަތްކަމަށްވާ ހޫތީންގެ ޖަމާއަތެއް ސައުދިއަރަބިޔާއަށް އައިސް ސައުދި ސަރުކާރާއިއެކު މަޝްވަރާކޮށްފިއެވެ.
ސައުދިއަރަބިޔާއިން އދ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ޢަބްދުﷲ އަލް މުޢާލަމީ ވިދާޅުވީ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ރިޔާޛްގައި ކަމަށެވެ. އަދި މިބައްދަލުވުމުގައި ހޫތީންގެ އިސް އޮފިޝަލުން ބައިވެރިވި ކަމަށާއި ބައްދަލުވުން ބާއްވާފައިވަނީ މި މަހު ކަމަށެވެ.
ސަފީރު ވިދާޅުވީ ހޫތީންނާއިއެކު ކުރެވުނު މަޝްވަރާތަކުގައި އަސީރުން ބަދަލުކުރުމަށް މަޝްވަރާކުރެވުނު ކަމަށާއި ޔަމަނުގައި ޞުލްޙަ ޤާއިމުކުރުމަށް ކުރަންޖެހޭ އެއްވެސް ކަމަކަށް ސައުދިއަރަބިޔާއިން ފަސް ނުޖެހޭނެކަމަށެވެ.
ސަފީރު ވިދާޅުވީ އަރަބި ކޯލިޝަނުން ސަރަހައްދުގެ ޞުލްޙައަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި ޙޫތީންނާއިއެކު ކުރެވުނު މަޝްވަރާތަކަކީވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މިބައްދަލުވުމަށް ކުވައިތުންވެސް ވަނީ މަސައްކަތްކޮށްފައެވެ. އަރަބި ކޯލިޝަނުން ބުނީ ބޭނުންވަނީ އަރަބި ޤައުމުތަކުގައި ހަމަޖެހުން އޮތުން ކަމަށާއި ޔަމަނުގައި ޞުލްޙަ ޤާއިމުކުރެވުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.