ސައުދިއަރަބިޔާގައި 2 ކައިވެނި އެކުގައި ކުރިއަށް ގެންދިއަ ކައިވެނި ހަފްލާއެއްގައި މީހަކު ޖެހި ވަޒަނަކުން 5 އަހަރުގެ ކުއްޖަކު މަރުވުމުން ބަޑިޖެހި މީހާ ފެންނަންދެން ކައިވެނި ކުރި 2 ފިރިހެނުން ހައްޔަރުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުން އެމީހާ ވަޒަންތައް ފޮނުވައިލީ ވަކި މީހަކަށް އަމާޒުކޮށެއް ނޫނެވެ. ވަޒަން އަރައި މަރުވީ ކައިވެނި ހޯލާއި އިންވެގެން ހުރި ގެއެއްގެ ގޯތިތެރޭގައި ކުޅެންހުރި އުމުރުން 5 އަހަރުގެ ކުއްޖެކެވެ.
ބަންދުކުރި 2 ފިރިހެނުންގެ ޢާއިލާއިން ބުނަނީ ބަޑިޖެހީ ކާކުކަން ނުއެނގޭ ކަމަށާއި ބަޑިޖެހީ ހަފްލާއަށް ދައުވަތުދީގެން ގޮސްހުރި މެހްމާނެއް ނޫން ކަމަށެވެ.
ޢާއިލާއިން މިއަދު ބުނީ އެމީހުންގެ ދަރިން ބަންދުކުރިތާ މިހާރު 9 ދުވަސް ވެއްޖެ ކަމަށާއި ތަކުރާރުކޮށް އެދުމުންވެސް ފުލުހުން އެ ދެ މީހުން ދޫނުކުރި ކަމަށެވެ.
ފުލުހުން ބުނަނީ ތަޙްޤީޤް ކުރިއަށް ގެންދާ ކަމަށާއި ދެ މީހުން ދޫކޮށްލުމަށް ގޮތެއް ނިންމާނީ ފަހުން ކަމަށެވެ.
ނުރައްކާތެރިކަމެއް ނަމަވެސް އަރަބި ޤައުމުތަކުގައި ކައިވެނީގެ ހަފްލާތަކުގައި ވަޒަންޖެހުމަކީ ޢާންމު ކަމެކެވެ.