ސިކުނޑީގެ މައްސަލަތައް ކުރިމަތިވުމުން ފަރުވާ ކުރެވޭނެ ގޮތެއް ނެތިފައި އިންޑޮނޭސިއާގައި 57،000 މީހުން އެބަތިއްބެވެ.
އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނަނީ މި މައްސަލަ ކުރިމަތިވީ ސިކުނޑީގެ މައްސަލަތަކަށް ފަރުވާކުރާނެ ޑޮކްޓަރުން މަދުކަމުން ކަމަށެވެ. އިންޑޮނޭސިއާގެ އާބާދީގައި 250 މިލިއަން މީހުން ތިބިއިރު ސިކުނޑީގެ ބަލިތަކަށް ފަރުވާ ކުރުމަށް ތިބީ އެންމެ 800 ޑޮކްޓަރުން ކަމަށެވެ.
ފަރުވާލިބޭނެ ގޮތެއް ނެތުމުން ޢާއިލާތަކަށް މަޖުބޫރުވަނީ އެފަދަ މީހުން ސަރުކާރުގެ މަރުކަޒުތަކާއި ހަވާލުކުރުމަށެވެ. އެތަންތަނުގައިވެސް ފަރުވާ ދެވޭނެ ގޮތެއް ނުހުރެއެވެ. 350 މީހުން ތިބޭ މަރުކަޒަކަށް އެންމެ ޑޮކްޓަރަކު ޒިޔާރަތް ކުރަނީ ހަފްތާއަކު އެންމެ ދުވަހަކުއެވެ.
ނަތީޖާއަކަށްވަނީ ހާލު ބޮޑުވުމުން ޗޭނު ޖަހައިފައި ކުޑަ ގޮޅިއެއްގައި ބައިތިއްބަންޖެހުމެވެ.
ޖަމާއަތްތަކުން ބުނަމުން ގެންދަނީ ސިކުނޑީގެ ބަލިތަކުގެ ފަރުވާއަކީ ޗޭނުޖަހައި ބަންދުކުރުން ނޫން ކަމަށާއި ފަރުވާއަކަށް ވާނީ ބައްޔަށް ބޭސްކުރުން ކަމަށެވެ.
ސަރުކާރުން ބުނަނީ މިފަދަ މީހުންނަށްއެހީތެރިވެ އިންސާނިއްޔަތުކަމާއިއެކު ބަލަހައްޓައިދޭނެ މީހުން ނުވަތަ ޖަމާއަތްތައްވެސް ނުލިބޭ ކަމަށެވެ.