އަލްޤައިދާއަށް ނިޞްބަތްވާ މީހަކު ސައުދީ ސިފައިންނަށް އެހީތެރިވެދީފައިވާނެ ކަމަށްބުނެ ކޯޓުގައި މަޢާފަށް އެދިއްޖެއެވެ.
އޭނާ ބުނީ ރިޔާޛްގެ ސްޕެޝަލް އިމަރޖެންސީ ފޯސަސްގެ އިމަރާތަށް ދޭން ރާވާފައި އޮތް ހަމަލާއަކާއި ރިޔާޛްގެ ސަރކިޔުލާ ރޯޑުގައި ހުރި ގުދަނެއް ގޮއްވާލަން ރާވާފައިވާ ހަމަލާއެއް ފެއިލްކޮށްލެވުނީ އޭނާ ސަލާމަތީ ބާރުތަކަށް ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. އަދި ގިނަ އަދަދެއްގެ ގޮވާތަކެތި ހުރި ވެހިކަލެއްގެ މައުލޫމާތު ވެސް އޭނާ ދީފައިވާނެ ކަމަށެވެ.
އޭނާ ބުނީ މިމައުލޫމާތުތައް ދިނީ އޭނާ ހައްޔަރުކުރި ފަހުން ކަމަށާއި ނަމަވެސް މައުލޫމާތު ދިނީ އޭނާގެ އަދަބަށް ލުއިދޭނެ ކަމަށް ސަލާމަތީ ބާރުތަކުން ބުނުމާއި ގުޅިގެން ކަމަށެވެ.
އޭނާ ބުނީ އިތުރު ތަފްޞީލު ހުށަހަޅަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އޭނާގެ ބަޔާނަށް ބަލައި ކޯޓުން ވަނީ އޭނާ އެދުނުފަދައިން އިތުރުވަގުތު އޭނާއަށް ދީފައެވެ.
އަލްޤައިދާ ފަދަ ޖަމާއަތްތަކަށް ނިޞްބަތްވާ މީހުންނަކީ ޢާންމުގޮތެއްގައި އެމީހުން މެރި ނަމަވެސް އެފަދަ މައުލޫމާތު ފޯރުކޮށްދޭ ބައެއް ނޫނެވެ.
ފަހަކަށް އައިސް ހައްޔަރުކުރެވޭ ބައެއް މީހުން ގެންދަނީ އިޞްލާހްވާން ބޭނުންކަން ހާމަކުރަމުންނެވެ. އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ ކައުންސިލިންގ ދިނުމަށްފަހު އިޞްލާޙްވުމުން ބައެއް މީހުން މިނިވަންވުމަށް ސައުދިއަރަބިޔާއިން ގެންދަނީ ފުރުޞަތު ދެމުންނެވެ.