ނައިޖީރިއާގައި ހަރަކާތްތެރިވަމުން ގެންދާ ޓެރަރިސްޓް ޖަމާއަތެއްކަމަސްވާ ބޮކޯ ޙަރަމުން އަތުލައިގަނެފައި ތިބި 800 އަސްވުރެ ގިނަ މީހުން ނައިޖީރިއާގެ ސިފައިން ސަލާމަތްކޮށްފިއެވެ.
ނައިޖީރިއާ ސިފައިން ބުނީ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަންތަކުގައި 520 މީހުން ސަލާމަތްކުރެވުނު ކަމަށެވެ. އަދި މިއޮޕަރޭޝަންތަކުގައި 3 ޓެރަރިސްތަކު މަރުވެފައިވާ ކަމަށާއި އެކަކު ދިރިހުއްޓައި އަތުލައިގަނެވުނު ކަމަށެވެ.
ސިފައިން ބުނެފައިވަނީ މީގެ އިތުރުން ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންތަކުގައި 309 މީހުން ސަލާމަތްކުރެވުނު ކަަމަށާއި މިއޮޕަރޭޝަންތަކުގައި 22 ޓެރަރިސްޓުން މަރުވެފައިވާ ކަމަށެވެ.
ސިފައިންގެ މި ބަޔާނަށް ބޮކޯ ހަރަމުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ބޮކޯ ހަރަމުން ހިންގަން މަސައްކަތްކުރާ ބޮޑެތި އޮޕަރޭޝަންތައް ހިންގިއަ ނުދީ ހުއްޓުވަމުން އަންނަ ކަމަށްވެސް އަސްކަރިއްޔާއިން ބުނެއެވެ.
އެހެންނަމަވެސް ދާދި ފަހުންވެސް ބޮކޯ ޙަރަމުން ވަނީ ފަގީރުންގެ އެތައް އަވަށްތަކެއް އަންދާލައިފައެވެ. ބައެއް އަވަށްތަކުގެ ގެތައް އަންދައިލީ މީހުން ގޭގޭގައި ތިއްބައެވެ.