އުމުރުން 84 އަހަރުގެ "ކާފައެއް" އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނިކޮށްދިން މައްސަލައެއް ސައުދިއަރަބިޔާގެ ކޯޓަކުން ބަލަން ފަށައިފިއެވެ.
މިމައްސަލަ ފެންމަތިވީ ކައިވެންޏަށްފަހު އަންހެން ކުއްޖާ ފިރިމީހާ ބަލައި ނުގަނެ އެއީ ކާފައެއް ކަމަށް ބުނެ މައްސަލަތައް ކުރިމަތިކުރުވުމުން "ކާފަ" ކައިވެނީގެ ރަނަށް އަންހެން ކުއްޖާގެ ބައްޕައަށް ދިން ކަމަށް ބުނާ 90.000 ރިޔާލަ ޙޯދަން ކޯޓަށް ދިއުމުންނެވެ.
ސައުދިއަރަބިޔާގެ ޤާނޫނު ބުނާގޮތުން އުމުރުން މިހައި ބޮޑެތި ތަފާތުތައް ހުންނަ މީހުންގެ މެދުގައި ކައިވެނިކޮށްދިނުމަކީ ކުށެކެވެ.
ކޯޓުން ބެލިބެލުމުން އެނގުނީ އަންހެން ކުއްޖާގެ ބައްޕައަކީ ސިކުނޑީގެ މައްސަލަތައް ހުންނަ މީހެއް ކަމެވެ. އަދި މިކައިވެނީގެ ފައިދާ ނަގައިފައިވަނީ އެކަމުގައި މެދުވެރިވި މީހުން ކަމެވެ.
ސައުދިއަރަބިޔާގައި ކައިވެނި ކުރެވޭ އެންމެ ހަގު އުމުރަކީ 16 އަހަރެވެ. ނަމަވެސް ރަށްފުށުގެ ސަރަހައްދުތަކުގައި މިޤަވާއިދަށް ނުބަލައި ކައިވެނިކުރެއެވެ. ނަމަވެސް އެފަދަ ކައިވެނިތައް ކުރަނީ ކޯޓުން ބޭރުގައެވެ.
މިކައިވެނީގެ މައްސަލައިގައި އަންހެންކުއްޖާ ދެއްކި ސާބިތުކަމަށް ގިނަ ބައަކު ދަނީ ތައުރީފްކުރަމުންނެވެ.