ސައުދިއަރަބިޔާގައި 15 އަހަރު ނުފުރޭ އަންހެން ކުއްޖަކާއި ކައިވެނިކުރި 84 އަހަރުގެ 'ކާފަގެ" ކައިވެނި އަލްޖަޒަންގެ ކޯޓުން ރޫޅާލައި އެކަމަށް "ކާފަ" ޚަރަދުކުރި ފައިސާއަށް ކައިވެނިކޮށްދިން މިހާ ޒިންމަދާރުކުރުވައިފިއެވެ.
ކައިވެނިކޮށްދިން މީހާ ކޯޓަށް ހާޒިރުކުރުމަށްފަހު ކޯޓުން އެންގީ ކައިވެނީގައި ހިނގައިދިއަ ހުރިހައި ކަންކަމުގެ ޒިންމާތައް އުފުލަންޖެހޭނީ ކައިވެނިކޮށްދިން މީހާ ކަމަށެވެ. އަދި 16 އަހަރު ނުފުރޭ ކުދިންނާއި ކައިވެނިކުރުމަކީ މަނާކަމެއް ކަމަށާއި އުމުރުގެ ތަފާތު އެހައި ތަފާތު ބޮޑުކޮށް ކައިވެނިކޮށްދިނުމަކީ ވެސް މަނާކަމެއްކަމަށްވާތީ އެ މައްސަލަތައްވެސް ބަލައި ފިޔަވަޅުއަޅާނެކަން ވަނީ އަންގައިފައެވެ.
މިކައިވެނިކޮށްފައިވަނީ އަންހެން ކުއްޖާއަށްވެސް އޮޅުވައިލުމެއްގެތެރެއިންނެވެ. މައްސަލަ ފެންމަތިވީ ކައިވެންޏަށްފަހު "އެއީ "ކާފަ" ކަމަށް ބުނެ 84 އަހަރުގެ މީހާ އާއި ގުޅުން ބާއްވަން އަންހެން ކުއްޖާ ދެކޮޅު ހެދުމުންނެވެ.
ކައިވެނިކުރި 84 އަހަރުގެ މީހާ ކޯޓަށް ދިއައީ އަންހެން ކުއްޖާ އޭނާ އާއި ގުޅުން ބާއްވަން ދެކޮޅު ހެދުމުން އަންހެން ކުއްޖާގެ ބައްޕައަށް ދިންކަމަށް ބުނާ 90،000 ރިޔާލަ އަނބުރައި ހޯދުމަށެވެ. އަންހެން ކުއްޖާގެ ބައްޕައަކީ ސިކުނޑީގެ މައްސަލަ ހުރި މީހެކެވެ. އެހެންކަމުން މިކަމުގައި ފައިސާ ބޭނުންކޮށްފައިވަނީ ކައިވެނި ކުރުމަށް މެދުވެރިވި މީހުން ކަމަށް ވަނީ ބެލެވިފައެވެ.