ހިނަވަނިކޮށް ފުރާނަހުރިކަން އެނގުނު ކުއްޖަކު 5 ގަޑިއިރު ފަހުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހިނަވަނިކޮށް ފުރާނަހުރިކަން އެނގުނު ކުއްޖަކު 5 ގަޑިއިރު ފަހުން މަރުވެއްޖެ
ސައުދިއަރަބިޔާގައި ދުވަސް ނުފުރާ ވިހޭ ކުއްޖަކު އުފަންވި އިރުވެސް އޮތީ މަރުވެފައިކަމަށް ބަލައި ވަޅުލުމަށްޓަކައި ހިނަވަނިކޮށް ދިރި އޮތްކަން އެނގުނު ކުއްޖަކު 5 ގަޑިއިރު ފަހުން މަރުވެއްޖެއެވެ.

ކުއްޖާ ހިނަވަމުން ގެންދަނިކޮށް ހިތުގައި ވިންދުހުރިކަން އެނގުމުން އިމަރޖެންސީގައި ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން އޭނާ ދިރިއޮތްކަން ޑޮކްޓަރުންނަށް ޔަޤީންކުރެވުނެވެ. އަދި ދޭންޖެހޭ އިމަރޖެންސީ ފަރުވާތައް ދޭންފެށިއެވެ.

ޠާއިފުގައި ހުންނަ އެންމެ މަޝްހޫރު ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ކިންގ ޢަބްދުލްޢަޒީޒް ހޮސްޕިޓަލުގައި އެފަދަ ކުއްޖަކަށް ދޭންޖެހޭ އެންމެ ޒަމާނީ ފަރުވާ ދެމުން ގެންދަނިކޮށް ފުރާނަ ދިއައީ 5 ގަޑިއިރު ފަހުންނެވެ.

ހިނެވިމީހާ ބުނީ އޭނާއަށް ޝައްކުވީ ހިނަވަން ފެށުމުން ހީކަރުވައިގެން އުޅޭފަދަ އަލާމާތްތަކެއް ފެނުމުން ކަމަށެވެ.

އެއްމާބަނޑު ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު ލިބުނު އިރު މަރުވެފައި ތިބިކަން އެނގުމުން ޢާއިލާއަށް ލިބުނީ ބޮޑު ހިތާމައެކެވެ. ފިރިހެން ކުއްޖާ މަރުނުވާކަން އެނގުމުން ލިބުނީ އިންތިހާއަށް ބޮޑު އުފަލެކެވެ. ނަމަވެސް އިރުކޮޅެއް ފަހުން އެއުފާވެރިކަން ހިތާމައަކަށް ބަދަލުވުމުން ދެކުދިންގެ ޖަނާޒާ ބޭއްވީ އެކުގައެވެ.

މިކަމުގައި ކުއްޖާ މަރުވި ކަމަށް ފުރަތަމަ ނިންމި ޑޮކްޓަރުންގެ އިހްމާލު އޮތްކަން ޢާއިލާއިން ފާހަގަކުރުމުން ޞިއްޙީ ވުޒާރާއިން ގެންދަނީ އެމައްސަލަ ބަލަމުންނެވެ.

ދެކުދިން ވިހައިވަނީ ބަނޑަށް 5 މަހުގައެވެ.
މިއަދު އޮންލައިން