ޤައުމު ކުރިއަރާނީ ކީރިތި ޤްރްޢާން ކުރިއަރުވައި، އިޙްތިރާމްކޮށް އަމަލުކުރިވަރަކުން: ޕްރިންސް ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ޤައުމު ކުރިއަރާނީ ކީރިތި ޤްރްޢާން ކުރިއަރުވައި، އިޙްތިރާމްކޮށް އަމަލުކުރިވަރަކުން: ޕްރިންސް ފައިޞަލް
ޤައުމު ކުރިއަރާނީ ޤައުމުގައި ކީރިތި ޤްރްއާން ކުރިއަރުވައި، ކީރިތި ޤްރްއާނަށް އިޙްތިރާމްކޮށް ކީރިތި ޤްރްއާނަށް އަމަލުކުރި ވަރަކުން ކަމަށް ރިޔާޛްގެ ގަވަރނަރު ޕްރިންސް ފައިޞަލް ބިން ބަންދާރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ 18 ވަނަ ސައުދީ ރަސްގެފާނު ކީރިތި ޤްރްއާން ހިތުދަސްކުރުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޕްރިންސް ފައިޞަލް ވިދާޅުވީ ކީރިތި ޤްރްއާން ހިތުދަސްކުރުމަށް އިތުރު ހިތްވަރު ސަރުކާރުން ދެއްވާނެ ކަމަށާއި ހަޤީޤީ ދަސްވާރުންނަކީ ކީރިތި ޤްރުއާން ހިތުދަސްކުރާ ޙާފިޛުން ކަމަށެވެ. "ކީރިތި ޤްރްއާނުގެ ދިދަ އުފުލާ ބައަކީ އެއީ. އެންމެ ަމަތިވެރި ޝަރަފެއް އޮތީ އެމީހުންނަށް. ކީރިތި ޤްރްއާނުގެ ދިދައަކީ ކޮންމެ މުނާސަބަތަކަށް އަދި ކޮންމެ ޙާލަތަކަށް އެންމެ މުހިންމު ދިދަ."

ޕްރިންސް ފައިޞަލް ވިދާޅުވީ ކިންގ ޢަބްދުލްޢަޒީޒް ސައުދިއަރަބިޔާ ވުޖޫދަށް ގެންނެވީންސުރެ ކީރިތި ޤްރްއާނުގައި ﷲ ބަޔާން ކުރައްވަވާފަދައިން އިސްލާމީ ޝަރީއަތް ސައުދިއަރަބިޔާގައި ޤާއިމުކުރެވެމުން އަންނަކަމީ އެ ޤައުމަށް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުން ކަމަށެވެ.

މިރަސްމިއްޔާތުގައި ޕްރިންސް ފައިޞަލް ވަނީ ކީރިތި ޤްރްއާނާއި އިސްލާމް ދީން އަދި ކައު އިތުރު ރަސޫލާގެ ސުންނަތް ކުރިއެރުއްވުމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައިފައެވެ. ޚާއްޞަ ގޮތެއްގައި ކީރިތި ޤްރްއާން ޗާޕްކުރާ ރިޔާސީ ޗާޕްޚާނާއަށް ސަލްމާން ރަސްގެފާނު ގެންނަވަމުން ގެންދަވާ ތަރައްޤީ އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

އިސްލާމިކް މިނިސްޓަރ ޝައިޚް ޞާލިހް އަލްޝައިޚް ވިދާޅުވީ ކީރިތި ޤްރްއާން ހިތުދަސް ކުރުމަށް ސަލްމާން ރަސްގެފާނު ގެންދަވަނީ ވަރަށް ބޮޑަށް ހިތްވަރު ދެއްވަމުން ކަމަށެވެ. އަދި ކީރިތި ޤްރްއާން ހިތުދަސް ކުރުމުގެ މުބާރާތްތަކުގެ ދަރަޖަ މަތިކުރައްވައި އިނާމުތައް އިތުރުކުރައްވަމުން ގެންދަވާ ގެންދެވުމުން މިކަން ހާމަވާ ކަމަށެވެ.

"މިއީވެސް ފަޚުރުވެރި މުބާރާތެއް 113 ދަރިވަރުން ބައިވެރިވި އެއިގެތެރޭގައި 60 ފިރިހެން ކުދިންނާއި 53 އަންހެން ކުދިން ހިމެނޭ. މިމުބާރާތުގެ ސަބަބުން އެ ދަރިވަރުންނަށް ވަރަށް ބޮޑު ހިތްވަރެއް އިތުރުވެއްޖެ."

މިރަސްމިއްޔާތުގައި ޕްރިންސް ފައިޞަލް އިނާމު ދެއްވީ ފިރިހެން ބައިވެރިންނަށެވެ. އަންހެން ބައިވެރިންނަށް އިނާމު ދިނުމަށް ކުރިން ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި އިނާމުތައް ދެއްވީ ޕްރިންސަސް ލަޠީފާ ބިންތި ޢަބްދުލްޢަޒީޒްގެ ފަރާތްޕުޅުން ޕްރިންސަސް ނާއިފް ބިންތި ސުލްޠާން އެވެ.

މިމުބާރާތުގައި ތަފާތު ބައިތަކުން ވަނަތައް ޙާޞިލުކުރި ބައިވެރިންނަށް ވަނީ އިނާމުގެ ގޮތުގައި 600،000 ރިޔާލަ ދެއްވައިފައެވެ. އަދި 111 ދަރިވަރަކު ރިޔާޛްގައި މަޑުކުރުމަށް އިނާޔަތެއްގެ ގޮތުން ވަނީ އިތުރު 2000 ރިޔާލަ ކޮންމެ ދަރިވަރަކަށް ދެއްވައިފައެވެ.
މިއަދު އޮންލައިން