އައިއެސްގެ ހަނގުރާމަވެރިންނާއި އެޖަމާއަތުގެ ފިކުރުގެ މައްޗަށް ކުރިހޯދޭނެ ކަމަށް އަރަބި ޒުވާނުން ޤަބޫލުކުރާކަން ސަރވޭއަކުން ހާމަވެއްޖެއެވެ.
މެދުއިރުމަތީގެ ޤައުމުތަކަށް ހުޅުވާލައިގެން ކުރި މިދިރާސާގެ ބައިވެރިން ބުނެފައިވަނީ އައިއެސް އަކީ މެދުއިރުމައްޗަށް އޮތް އެންމެ ބޮޑު ބިރު ކަމަށް ޤަބުލުކުރާ ކަމަށާއި އެހެންކަމާއިއެކު ވެސް އައިއެސް ބަލިކުރެވޭނެކަމަށް ޔަޤީންކުރާ ކަމަށެވެ.
މި ދިރާސާ ދައްކާ ގޮތުން 75 އިންސައްތަ ޒުވާނުން އައިއެސް އާއިމެދު ކަންބޮޑުވެއެވެ. އައިއެސްއަށް ކާމިޔާބުކުރެވޭނެ ކަމަށް ޤަބޫލުކުރަނީ 16 އިންސައްތަ ޒުވާނުންނެވެ.
ހަމައެއާއިއެކު އެމެރިކާ އަކީ ދުވަހަކުވެސް މުސްލިމުންގެ މިތުރަކަށް ނުވާނެ ކަމަށާއި އެމެރިކާ ދެމިއޮންނާނީ މުސްލިމުންގެ އެންމެ ބޮޑު ހަތުރުގެ ގޮތުގައި ކަމަށް 91 ޒުވާނުން ޤަބޫލުކުރެއެވެ.
މި ސަރވޭ ދައްކާ ގޮތުން ޒުވާނުން އައިއެސްއާއި ގުޅެމުން ދަނީ ޒުވާނުންނަށް ވަޒީފާ ނެތި މާޔޫސްކަމުގައި ތިބެންޖެހުމުންނެވެ. އަރަބި ޤައުމުތަކުގެ ދާޚިލީ މައްސަލަތައް ގިނަކަމުން ޒުވާނުންނަށް ފުރުޞަތު އޮތް ކަމަށްވެސް ޤަބޫލުކުރެވޭތީއެވެ.