ސައުދިއަރަބިޔާގައި މަސައްކަތްކުރާ އެހެން ޤައުމުތަކުގެ މީހުންގެ ތެރެއިން ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރާ 9،862 މީހުން އަތުލައިގެންފިއެވެ.
ފުލުހުން ބުނީ މިމީހުންނަކީ ފާއިތުވި 6 މަސްދުވަހުގެތެރޭގައި އަތުލައިގަނެވުނު މީހުން ކަމަށެވެ. އަދި މިއެންމެންވެސް ހައްޔަރުކޮށް ކުށުގެ އަދަބު ދިނުމަށްފަހު އަނބުރާ ޤައުމަށް ފޮނުވުމުގެ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކުން ކުރަމުން ގެންދާ ކަމަށެވެ.
ފުލުހުން ބުނީ ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ މީހުން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންތައް ހިންގަނީ ވަރަށް ބޮޑަށް ރާވައި އެ ސަރަހައްދުގައި ހުރި މީހަކަށް ފިލައިގެން ނުދެވޭނެ ގޮތަށް "ދާޖަހައި" ސަރަހައްދު ބަންދުކުރުމަށްފަހުގައި ކަމަށެވެ.
މިފަދަ ހަރަކާތްތަކަށް އިންސާނީ ޙައްޤުތައް ހިމާޔަތްކުރާ ޖަމާއަތްތަކުން ދަތިތައް ކުރިމަތިކުރުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ސައުދިއަރަބިޔާފައި ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ މީހުން އަތުލައިގަނެ ޤައުމުން ފޮނުވުމަށް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ސައުދީ ލޭބަރ މިނިސްޓްރީން ބުނަނީ ސައުދީ ރައްޔތުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރެވޭނީ ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބޭރު ޤައުމުތަކުގެ މީހުން ޤައުމުން ބޭރުކޮށްގެން ކަމަށެވެ.