1991 ވަނަ އަހަރު ސްރީލަންކާގެ އަންހެނެއް ކަމަށްވާ ފާޠިމާ ދުބާއީއަށް ދިއައީ ގެއެއްގެ ނޯކަރަކަށެވެ. އެމަސައްކަތުގައި އުޅެެނިކޮށް ބައްދަލުވި އިންޑިއާގެ ރައްޔިތެއްކަމަށްވާ ކާދަރު އުޝެން އާއި ލޯބީގެ ގޮތުން ގުޅި 1994 ވަނަ އަހަރު ކައިވެނި ކުރިއެވެ.
ކައިވެނީގައި 3 ދަރިން ލިބުނު ފަހުން 2005 ވަނައަހަރު ކާރު އެކްސިޑެންޓެއްގައި އުޝެން ދުނިޔެ ދޫކުރިއެވެ. އެއަށްފަހު ޢާއިލާ ދިރިއުޅެމުން އައީ ދުބާއީގެ ހެޔޮ އެދޭ މީހެއްގެ އެހީތެރިކަމުގައެވެ. ކޮންމެ މަހަކުވެސް 4 މައިންގެ ހުރިހައި ޚަރަދަކަށް އޭނާ މަހަކު 2000 ދިރިހަމް ދެއެވެ. އެފައިސާ އާއި މައިމިހާ ނޯކިރީކޮށްގެންލިބޭ ފައިސާކޮޅުން ޢާއިލާއަށް ދިރިއުޅެވެނީ ހަމަ ކިރިޔާއެވެ.
2013 ވަނަ އަހަރު، ޢާއިލާގެ ހަމައެކަނި އަންހެން ދަރިފުޅު ޝަހްރާ ސްކޫލް ނިންމިއެވެ. ގިނަ އަދަދެއްގެ އެވޯޑްތަކާއި މެޑެލްތަކާއިއެކު އެވެ. ފަޚުރުވެރި ވަނަތަކެއް ޙާޞިލުކުރުމާއިވެސް އެކުގައެވެ.
ނަމަވެސް ޝަހްރާގެ ހިތާމައަކަށްވީ މަތީ ތައުލީމު ޙާޞިލުކުރެވޭނެ ގޮތެކެވެ. މަތީ ތައުލީމަށް ޚަރަދުކުރާނެ އެންމެ ދިރުހަމެއްވެސް މަންމަގެ އަތުގައި ނެތުމުންނެވެ. އެހެންނަމަވެސް އެކި ކޮލެޖުތަކާ ޔުނިވަރސިޓީތަކުން ހުޅުވައިލަމުން ގެންދިއަ ހިލޭ ސްކޯލާޝިޕްތަކަށް ޝަހްރާ ގެންދިއައީ ކުރިމަތިލަމުންނެވެ.
ޝަހްރާގެ ނަޞީބަކަށްވީ ދުބާއީގައި ހިންގާ އޮސްޓްރޭލިއާގެ މުރޑޮޗް ޔުނިވަރސިޓީން ލިބުނު ފުރުޞަތެވެ. އެފުރުޞަތު ލިބުމަށް އެންމެ ބޮޑަށް މަގުފަހިވީ ދުބާއީގެ ބައެއް ނޫސްތަކުގައި ލިޔަމުން ގެންދިއަ ޝަހްރާގެ މޮޅުކަމާއި ނިކަމެތިކަމުގެ ވާހަކަތަކާއި މަތީތައުލީމަށް ޝަހްރާ އެދިއެދިހުރި ކަމުގެ ވާހަކަތަކެވެ.
ލިބުނު ފުރުޞަތުގައި ޝަހްރާ ކިޔެވީ ބެޗްލަރ އޮފް ސައިންސް އެވެ. އެއާއިއެކު ކޮމްޕިޔުޓަރ ސައިންސާއި ބިޒްނަސް އިންފޮރމޭޝަން ސިސްޓަމްވެސް ޝަހްރާ ކިޔެވިއެވެ.
3 އަހަރުގެ ފުރުޞަތު ނިމި ނަތީޖާ ލިބުނުއިރު ޝަހްރާ ވަނީ އެހައިތަނަށް އެ ކޮލެޖުން ކިޔެވި ދަރިވަރުންނަށް ޙޯދިފައި ނުވާފަދަ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. ކިޔެވުން ނިންމައިލީ 2 މޭޖަރ ޑިސްޓިންގޝަނާއިއެކުގައެވެ. އެޔުނިވަރސިޓީން ދޭ އެންމެ ފަޚުރުވެރި އެވޯޑް ޝަހްރާ ވަނީ އައިޓީ ދާއިރާއިން ޙާޞިލުކޮށްފައެވެ.
ހުރިހައި ސަނަދުތަކާއި އެވޯޑްތަކެއް ޝަހްރާއަށް ލިބިގެންދާނީ އޮކްޓޯބަރު މަހު ބާއްވާ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. ހަމައެއާއިއެކު ޝަހްރާގެ ކާމިޔާބީ ގިނަ ބައަކު މިހާރުވެސް ދަނީ ފާހަގަކުރަމުންނެވެ. ދުބާއީގެ ގިނަ ނޫސްތަކުގައި ލިޔަމުން ގެންދަނީ "އަތުގަ އެންމެ ލާރިއެއް ނެތް، ގޭގޭގައި ނޯކިރީކުރާ އަންހެނެއްގެ ދަރިފުޅު، ތައުލީމީ ރަންވަނަތަކެއް ޙާޞިލުކޮށްފި" ކަމަށެވެ.