ކުލަޖެއްސި ބިއްލޫރީގެ ސަބަބުން ލަންކާގެ ސަފާޔަރގެ މާކެޓް ގެއްލެނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކުލަޖެއްސި ބިއްލޫރީގެ ސަބަބުން ލަންކާގެ ސަފާޔަރގެ މާކެޓް ގެއްލެނީ
ލަންކާގެ ސަފާޔަރތަކަކީ ދުނިޔޭގެ ޖަވާހިރު ބާޒާރުގައި އެންމެ މަޤްބޫލުކަން ބޮޑު އެއް ޖަވާހިރު ނަމަވެސް ލަންކާ ސަފާޔަރގެ ނަމުގައި ކުލަޖެއްސި ބިއްލޫރި ހަދާފައިވާ ތަކެތި ބާޒާރަށް ނެރެމުން ގެންދާތީ ލަންކާގެ ސަފާޔަރތަކުގެމާކެޓް ގެއްލެމުންދާކަމަށް ޖަވާހިރުގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނަން ފަށައިފިއެވެ.

ސްރީލންކާގައި ޖަވާހިރު ވިއްކާ މަތީފެންވަރުގެ ގިނަ ފިހާރަތަކެއްގެ ވެރިޔާ ނިސާންކަ ވީރަސޭނަ ބުނީ ގިނަ ބައަކަށް ހަޤީޤީ ޖަވާހިރު ވަކިކުރަން ނުއެނގޭ ކަމަށެވެ. އަދި އަސްލު ސަފާޔަރކަމަށް ޤަބޫލުކޮށް ކުލަޖެއްސި ބިއްލޫރި ކަފައިގެން ހަދާފައި ހުންނަ ތަކެތި ގަންނަމުން ގެންދާ ކަމަށެވެ. "އެމީހުން ބަލަނީ އަގަށް. އަގު ހެޔޮވީމާ ގަންނަނީ. ނަމަވެސް އެމީހުންނަށް ގަނެވުނީ ބިއްލޫރިކޮޅެއްކަން އެނގޭވަގުތުން ފެށިގެން މައްސަލަތައް ނުކުންނާނެ."

ނިސާންކަ ވިދާޅުވީ ސްރީލަންކާގެ އިޤްޠިޞާދަށް އަޑިގުޑަންތައް އަންނަމުންދާއިރުވެސް އިތުބަރާއިއެކު ކުރިއަށްދާ ވިޔަފާރިއަކީ ޖަވާހިރުގެ ވިޔަފާރި ނަމަވެސް މިހާރު ބާޒާރަށް މަދު ބައަކު ނަމަވެސް ނެރެމުން ގެންދާ "ފޭކް" ތަކެތީގެ ސަބަބުން ލަންކާގެ ޖަވާހިރު ވިޔަފާރިއަށް ލިބިފައިވާ އިތުބާރު ގެއްލިދާނެކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ.

ސްރީލަންކާގެ ނޭޝަނަލް ޖެމް އެންޑް ޖްވެލަރީ އޮތޯރިޓީގެ ޗެއަރމަން އަސަންކާ ވެލެގަދަރަ ވިދާޅުވީ އޮސްޓްރޭލިއާ މީހަކު 14،000 ޑޮލަރު ދީފައި ޖަވާހިރެއް ގަނެގެން ގެންގޮސް ސަރުކާރުގެ އޮތޯރިޓީއަކުން ބެލިއިރު އެއިގެ ދެބައިކުޅަ އެއްބައަކީ "ފޭކް" ކަމަށެވެ. މިފަދަ މައްސަލަތައް ކުރިމަތިވާނަމަ ލަންކާގެ ޖަވާހިރުގެ އިތުބާރު ދާދިއަވަހަށް ނެތިގެން ހިނގައިދާނެ ކަމަށެވެ.

ލަންކާގެ ޖެމް އެންޑް ޖްވެލަރީ އޮތޯރިޓީން ބުނީ "ފޭކް" ތަކެތި އެތެރެކުރަނީ އަގު ހެޔޮ ތަކެތި އުފައްދަން ކަމަށްވާއިރު އެފަދަ ތަކެތި އެތެރެކުރުން ހުއްޓުވުމަކީވެސް ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. މައްސަލައަކީ އެފަދަ "ފޭކް" ތަކެތި އެއީ އަސްލުތަކެތީގެ ގޮތުގައި ވިއްކުން ކަމަށެވެ.

ދިވެހި ބައެއް ފުދުންތެރިންނަކީވެސް ލަންކާގެ ޖަވާހިރަށް އިތުބަރުކުރާ ބައެކެވެ. އެހެންކަމުން މިއީ އިތުރަށް ވިސްނަންޖެހިފައިވާ ކަންކަން ކަމުގައި ބެލެވެއެވެ.
މިއަދު އޮންލައިން