މިޞުރުގެ ފުލުހުން 2 ނޫސްވެރިން ހައްޔަރުކޮށްފިއެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ލޭބަރ ޔޫނިއަންގެ މަރުކަޒުގައި ތިއްބައި އިއްޔެގެ ވަގުތެއްގައެވެ.
ހޯމް މިނިސްޓްރީން ބުނީ ފުލުހުން އެތަނަށް ވަނީ ގަދަބާރު ދައްކައިގެން ނޫން ކަމަށާއި ދެ ނޫސްވެރިއަކު ހައްޔަރުކުރީ ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން ހިންގަން ހިތްވެރުދޭތީ ކަމަށެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވަނީ ފުލުހުން ހައްޔަރުކުރި 2 ނޫސްވެރިންނަކީ ސަރުކަރުގެ ކަންކަމަށް ފާޑުކިޔާ ދެ އޮންލައިން ނޫހަކަށް ލިޔަމުން ގެންދާ ނޫސްވެރިން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރަށް ކުރިމަތިވާނީ އިތުރު މައްސަލަތައް ކަމަށެވެ.
ސަލާމަތީ ބާރުތަކުން އެމަރުކަޒަށް ވަދެގަތްއިރު އެތަނުގައި ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންދިއަ ނަމަވެސް އިދިކޮޅު 2 ނޫސްވެރިން އެކަނި ހައްޔަރުކުރުމުން އެކަމަކީ ސަލާމަތީ ބާރުތަކުން ދުރާލައި ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ނޫސްވެރިން ދަނީ ސިފަކުރަމުންނެވެ.
އެޕްރިލް މަހުގެ 15 ވަނަ ދުވަހު އެތައް ހާސް ބައަކު ވަނީ މިޞުރުގެ މަގުތަކަށް އެއްވެ އަލްސިސީގެ ސަރުކަރާއި ދެކޮޅަށް އަޑުއުފުލައިފައެވެ.
ފުލުހުން އެއިމާރާތަށް ވަދެގަތުމަށްފަހު 2 ނޫސްވެރިން ހައްޔަރުކުރުމަށް މީގެ ހަފްތާއެއްހައި ދުވަސްކުރިން ހޯދާފައިވާ ކޯޓުއަމުރެއް ވަނީ ދައްކައިފައެވެ. ބައެއް ނޫސްތަކުގައި ބުނެފައިވަނީ ފުލުހުން ވަނީ ނޫސްވެރިއެއްގެ ލޮލަށް ލޭއަރުވާލާފައި ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓްރީން ބުނެފައިވަނީ އެފަދަ އެއްވެސް އަމަލެއް ފުލުހުން ނުކުރާ ކަމަށެވެ.
ދެ ނޫސްވެރިން ހައްޔަރުކޮށްގެން ގެންދިއުމުން ނޫސްވެރިން ވަނީ އެމީހުންގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ލިބެންދެން އިތުރު ފިޔަވަޅުތަކާއިއެކު ކުރިއަށް ދިއުމަށް އެއްބަސްވެފައެވެ.