ސީރިޔާގައި އެންމެ ވަރުގަދައަށް ހަމަލާ ބަދަލުކުރެވެމުން އަންނަ އަލެޕޯގެ ހޮސްޕިޓަލަކަށް މިއަދު ދިން ރޮކެޓް ހަމަލާއެއްގައި ގިނަ ބައަކު މަރުވެ އެތައް ބައަކު ޒަޚަމްވެއްޖެއެވެ.
ސީރިޔާގެ ސަރުކާރުން ބުނަނީ މިހަމަލާދިނީ އިދިކޮޅު ހަނގުރާމަވެރިން ކަަމަށެވެ. ސީރިޔާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރަމުން ގެންދާ ޖަމާއަތްތަކުން ވެސް ބުނެފައިވަނީ ރޮކެޓް ހަމަލާއެއްގައި ހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ފާއިތުވި ދެ ހަފްތާއަށް ބަލައިފިނަމަ އަލެޕޯއަށް ދިން ތަފާތު ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މެދުނުކެނޑި ހަމަލާތައް ދެމުން ގެންދާތީ ޒަޚަމްވާ މީހުންނަށް އެހީތެރިވުމަށާއި މަރުވާ މީހުން ވަޅުލުމަށްވެސް ވަނީ މައްސަލަތައް ކުރިމަތިވެފައެވެ.
އަލެޕޯގައި ތިބި ހަނގުރާމަވެރިންނަށް ކަމަށް ބުނެ ސީރިޔާ ސަރުކާރުން ވެސް ގެންދަނީ ގިނަ އަދަދެއްގެ ހަމަލާތައް ދެމުންނެވެ. މިފަދަ ހަމަލާތަކުގައި ގިނަ އަދަދެއްގެ ހޮސްޕިޓަލުތަކާއި ކްލިނިކްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
މިއަދުގެ ހަމަލާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތަފްޞީލުތަކެއް އަދި ނުލިބެއެވެ.