ނޭޕާލްގެ ރައީސާ ބިދްޔާ ދޭވީ ބަންދްރާ މާދަމާ އިންޑިއާއަށް ކުރައްވަން ހަމަޖަހިފައި އޮތް ރަސްމީ ދަތުރުފުޅު ކުއްލި ގޮތަކަށް ކެންސަލް ކުރައްވައިފިއެވެ. ރައީސާގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ދަތުރުފުޅަށް ނޭޕާލް ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހުކުރު ދުވަހު ނޭޕާލުން ވަނީ އިންޑިއާގައި ހުރި އެ ޤައުމުގެ ސަފީރު ދީޕް ކުމާރު އުޕަދްޔޭ އަށް އެނބުރި ޤައުމަށް ވަޑައިގަތުމަށް އަންގައިފައެވެ. ނޭޕާލްގެ ޚާރިޖިއްޔާއިން އެކަމުގެ ސަބަބު ހާމަކޮށްފައި ނުވިނަމަވެސް ބައެއް ނޫސްތަކުން ބުނެފައިވަނީ ސަފީރު އަނބުރައި ގެންނަން ނިންމީ ދާދިފަހުން ނޭޕާލުގެ ސަރުކާރު ވައްޓައިލަން މަގުފަހިވާގޮތަށް ޕާލަމެންޓުގައި ހިނގައިދިއަ ކަންކަމުގައި ސަފީރުގެ ބައިވެރިވުން އޮތުމުުންނެވެ.
އުޕަދްޔޭ އަކީ ނޭޕާލުގެ މިހާރުގެ އިދިކޮޅު ޕާޓީ ނޭޕާލީ ކޮންގްރެސްގެ އިސް ލީޑަރެކެވެ. އިންޑިއާގެ ސަފީރުކަމަށް ވަޑައިގަތީ މިދިއަ އަހަރު ކުރީކޮޅުއެވެ.
ނޭޕާލުގެ މާއޮއިސްޓް ޕާޓީން ވަނީ ސަރުކާރާއިވަކިވުމަށްފަހު އަލުން ގުޅިފައެވެ. އެހެންކަމުން ނޭޕާލުގެ ސަރުކާރުން ޤަބޫލުކުރަނީ މިކަމުގައި ސަފީރާއި އިންޑިއާގެ ބައިވެރިވުން އޮތް ކަމަށެވެ.
ނޭޕާލް އާއި އިންޑިއާގެ މެދުގައި މައްސަލަތަކެއް އޮންނަތާ ދުވަސްތަކެއްވެއްޖެއެވެ. ނޭޕާލްގެ ބޮޑުވަޒީރު މިއަހަރުގެ ފެބްރުއަރީ މަހު އިންޑިއާ އަށް ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. މިދަތުރަށްފަހު ދެ ޤައުމުގެ މެދުގައި ހުރި މައްސަލަތައް ހައްލުކުރެވި ކަންކަން ރަނގަޅުވެދާނެ ކަމަށް ބެލެވުނު ނަމަވެސް ކަންކަން އަންނަނީ ގޯސްވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނޭޕާލަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދަނީ އިންޑިއާ އިންނެވެ. އެހެންކަމާއިއެކުވެސް ނޭޕާލުގެ ރައީސާ އިންޑިއާއަށް ކުރައްވަން ހަމަޖެހިފައި އޮތް ރަސްމީ ދަތުރުފުޅު ކެންސަލްކޮށްފައިވަނީ އިންޑިއާއަށް އަންގައިވެސް ނުލައެވެ. އެކަމާއި ގުޅިގެން ނޭޕާލުގެ ބޮޑުވަޒީރާއި ސަފީރާއި ދެމެދުގައި ވަނީ ހޫނު ވާހަކަފުޅުތަކެއް ދެކެވިފައިކަމަށް ރިޕޯޓްތައް ބުނެއެވެ.