އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ރާޖަސްތާނުގެ ސްކޫލުތަކުގެ ގްރޭޑް 11 ގެ ދަރިވަރުންނަށް ކިޔަވައިދޭ ސޯޝަލް ސައިންސް މާއްދާގެ ޓެކްސްޓްފޮތްތަކުން އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރުލާލް ނެހްރޫގެ ބައި އުނިކޮށްފިއެވެ.
އެފޮތުގައި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރަކީ ކޮން ބޭފުޅެއްކަން ހާމަކޮށްފައެއް ނުވެއެވެ. އަދި މަހާތަމާ ގާނދީ އަވަހާރަކޮށްލި މީހާގެ ވާހަކަވެސް ވަނީ އުނިކޮށްފައެވެ.
މިކަމާއި ގުޅިގެން ރާޖަސްތާނުގެ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ އެކަމާއި އޭނާ އާއި އަދި ސަރުކާރާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އައު ސިލަބަހާއި ޓެކްސްޓް ފޮތްތަކަށް ބަދަލު ގެންނަމުން ގެންދަނީ އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީއަކުން ކަމަށެވެ.
މިފޮތް އަދި ޗާޕުކޮށްގެން ނެރެފައެއް ނުވެއެވެ. ހާމަކޮށްފައިވަނީ އޮންލައިންކޮށެވެ.
މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ޢާންމުން ގެންދަނީ ނުރުހުން ފައުޅުކުރަމުންނެވެ. ޤައުމުގެ ތާރީޚުން އުނިކޮށް އޮޅުވައިލުމަކީ އެއްވެސް ސަރުކާރަކުން ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ގިނަ ބައަކު ބުނެއެވެ.