މާތްﷲ ފަރުޟު ކުރައްވަވާފައިވާ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަކީ ސިޔާސީ ކަމަކަށް ނުހެދުމަށް ގަލްފް ކޯޕޮރޭޝަނުން އީރާނަށް ގޮވާލައިފިއެވެ.
ގަލްފް ކޯޕޮރޭޝަން (ޖީ.ސީ.ސީ)ގެ ސެކެޓްރީ ޖެނެރަލް ޢަބްދުﷲ އަލްޒަޔާނީ މިމޭރުމުން ގޮވައިލެއްވީ އީރާނުން ހައްޖުވެރިން މިއަހަރު ނުފޮނުވުމަށް ނިންމައި ޙައްޖަށް މީހުން ފޮނުވުމުގެ އެއްބަސްވުމުގައި އީރާނުން ސޮއިނުކުރުމުންނެވެ.
އަލްޒަޔާނީ ވިދާޅުވީ ސިޔާސީ ކަންކަން ހައްލުކުރާނީ އަދި އެކަންކަމަށް ބަހުސްކުރާނީ ސިޔާސީ މޭޒުދޮށުގައި ކަމަށާއި ފަރުޟު ޙައްޖުވުމަށް ބޭނުން މީހުން ޙައްޖުވުމަށް ހުރަސްއަޅައިގެން ނޫން ކަމަށެވެ.
ސައުދިއަރަބިޔާއިން ބުނެފައިވަނީ އީރާނުގެ ސަރުކާރާއިމެދު ކަންބޮޑުވުންތައް ހުރި ނަމަވެސް ފަރުޟު ޙައްޖުވުމަށް ސައުދިއަރަބިޔާއަށްދާ އީރާނުގެ މެހްމާނުންނަށް އެހެން އަހަރުތަކާއި އެއްފަދައިން މަރުހަބާ ކިޔާނެ ކަމަށެވެ.
އީރާނަކީ އެންމެ ގިނަ ބަކު ޙައްޖުވުމަށްދާ އެއް ޤައުމެވެ. އީރާނުން ހައްޖަށް ނުދާނަމަ އެކޯޓާ އެހެން ޤައުމުތަކަށް ލިބިގެންދާނެއެވެ.