ޗިކާގޯ އެއާޕޯޓުން ފުރި ސައުތުވެސްޓް އެއާލައިންސްގެ ފްލައިޓެއްގައި އިން އަންހެނެއްގެ ހިޖާބަ ގަދަކަމުން ނަގައި އެއްލައިލި އެމެރިކާ ފިރިހެނަކު ކޯޓުގައި ކުށަށް އިއުތިރާފްވެއްޖެއެވެ.
އުމުރުން 37 އަހަރުގެ ޕޭނަށް އަންހެން މީހާ ފެނުމުން ފުރަތަމަ އޭނާ ކައިރިއަށް ގޮސް މިއީ އެމެރިކާކަމަށް ބުނެ ހިޖާބަ ނެގުމަށް އަމުރުކުރީއެވެ. ހިޖާބަ ނުނެގުމުން ގަދަކަމުން ހިޖާބަ ނަގައި އެއްލައިލީއެވެ. އެއްލައިލުމުން ހިޖާބަ "ޖަހައިގަނެ" އަލުން އެޅީ އަންހެންމީހާ އަމިއްލައަށެވެ.
ނޯތް ކެރޮލީނާއަށް ނިޞްބަތްވާ ޕޭން، ލިޔެފައި ކޯޓަށް ދިން ބަޔާނުގައި ބުނެފައިވަނީ އެމެރިކާއަކީ ދީނީ މިނިވަންކަން ލިބިފައިވާ ޤައުމެއްކަމަށް ޤަބޫލުކުރާ ކަމަށާއި އަދި ކުރެވުނީ ކުށެއް ކަމަށްވެސް ޤަބޫލުކުރާ ކަމަށެވެ. އެހެން ދީނެއްގެ މީހެއްގެ ހައްޤުތަކަށް އަރައިގަތުމަކީ ވެސް ކުރެވުނު ކުށެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ.
ޕޭން މިހާރު ހުރީ އޭނާގެ މައްޗަށް އިއްވާނެ ހުކުމެއްގެ އިންތިޒާރުގައެވެ. ފަނޑިޔާރުން ބޭނުންނަމަ 1 އަހަރު ދުވަހަށް ޖަލަށްލުމާއިއެކު އެއް ލައްކަ ޑޮލަރުން ޖުރުމަނާ ކުރެވިދާނެއެވެ. ޕޭން މައްސަލައިގައި އިއުތިރާފްވީ އަދަބާއި ޖުރުމަނާ ލުއިކުރުމަށް ކަމަށް ބެލެވެއެވެ. އެތައް ބައެއްގެ ކުރިމަތީގައި ކުރިކަމަކަށް އޭނާއަށް ދެކޮޅެއް ނުހެދޭނެއެވެ. އަދި އިންފްލައިޓް ކެމެރާތަކުގައި ރެކޯޑިންގވެސް ހުންނާނެއެވެ.
އެމެރިކާގެ ޤާނޫނުގައި ދީނީ މިނިވަންކަން އޮތް ނަމަވެސް އެމެރިކާގައި މުސްލިމުންނަށް ތަފާތު ގޯނާކުރުން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.