މުސްލިމުންނާއިމެދު އެމެރިކާގެ ރިޔާސީ ކެންޑިޑޭޓު ޓްރަމްޕް ގެންގުޅެނީ މޮޔަ ޚިޔާލުތަކެއް ކަމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކަމަރޫން ވިދާޅުވުމުން ޓްރަމްޕް ރަތަށް އަރައިފިއެވެ.
ކެމަރޫން ވިދާޅުވީ އެމެރިކާއަށް މުސްލިމުން ދިއުން ވަގުތީ ގޮތުން ނަމަވެސް ހުއްޓުވުމަކީ މޮޔަ ޚިޔާލެއް ކަމަށާއި އެފަދަ ކަމަކުން ލިބޭނީ ގެއްލުން ކަމަށެވެ. އަދި ޓްރަމްޕް ގެންގުޅެނީ ގެއްލުންހުރި މޮޔަ ޚިޔާލުތަކެއް ކަމަށެވެ. ޖަވާބުގައި ޓްރަމްޕް ބުނެފައިވަނީ ކެމަރޫނުގެ ވާހަކަފުޅު ހުރި ގޮތުން އިނގިރޭސި ބޮޑުވަޒީރާއި ބާއްވަންޖެހޭ ގުޅުންތައް ވެސް ޖެހޭނީ ކަނޑައިލަން ކަމަށެވެ.
މި "ހަނގުރާމަ" އާއި ގުޅިގެން "އެމެރިކާގެ ރައީސަކަށް ވުމަށް ކެމަރޫން ތާއީދުކުރައްވާ ބޭފުޅަކީ ކޮބައިތޯ؟" ކުރި ސުވާލަށް ކެމަރޫންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެހެން ޤައުމެއްގެ ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކީ ވަކި ބޭފުޅަކަށް ވުމަކީ އިނގިރޭސި ވިލާތުން ވިސްނަންޖެހޭ ކަމެއް ނޫން ކަމަށާއި އެމެރިކާގެ ރައީސް ކަމަށް ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އިނގިރޭސި ވިލާތުން އަދާކުރަންޖެހޭ އިޙްތިރާމް އަޑަކުރާނެ ކަމަށެވެ.
ޓްރަމްޕް މިހާރު ބުނަނީ އޭނާގެ ކެންޕޭނުގައި ހުށަހަޅަމުން ގެންދަނީ ކަންތައްތަކެއް ކަމަށާއި އެނާއަކީ މުސްލިމުންގެ އަދުއްވެއް ނޫން ކަމަށެވެ. ނަމަވެސް ޓެރަރިޒަމްގެ އަދުއްވެއް ކަމަށެވެ.
މެއި މަހުގެ 9 ވަނަ ދުވަހު ލަންޑަނުގެ މޭޔަރކަމަށް ވަޑައިގެންނެވި ޚާން، ޓްރަމްޕަކީ ޖާހިލެއްކަމަށް ވިދާޅުވެފައިވާތީ އެކަމަށްވެސް ޓްރަމްޕް ވަނީ ރައްދު ދީފައެވެ.
ޓްރަމްޕް ބުނީީ ޚާން އަކީވެސް ދުނިޔެ ހަލާކުކުރައްވަން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ. "އިނގިރޭސި ވިލާތުން މަށާމެދު ނެރެމުންދަނީ ވަރަށް ނުބައި ބަޔާންތަކެއް. އެ ބަޔާންތައް އަހަރެން ހަނދާން ބަހައްޓާނަން. ޚާން ހޮވުމުން އަހަރެން މަރުހަބާކީން. އެކަމަކު މިހާރު އޭނާއާ އަޅާލަން އަހަރެން ބޭނުމެއް ނޫން."
ކެމަރޫންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ޓްރަމްޕް ދައްކާ ވާހަކަތަކާއިމެދު ގޮތް ނިންމާނީ އިނގިރޭސި ރައްޔިތުން ކަމަށެވެ. އަދި އެކަން ނިންމާނީ ވޯޓުފޮށިތަކުން ކަމަށެވެ.