ސައުދިއަރަބިޔާގައި ކައިވެނިކުރި ދެމަފިރިންގެ ކައިވެނި ހަފްލާއަށްފަހު ދެ ޒުވާނުން "މާމުއި ހަނދުގެ ރޭ" ހޭދަކޮށްލަން ދިއައީ ކުރިންސުރެ އެކަމަށް ހަމަޖައްސައިފައި ހުރި އަގުބޮޑު ހޮޓަލަކަށެވެ.
ހޮޓަލަށް ގޮސް ކޮޓަރިއަށްވަދެ އެތައް އިރެއްވީއިރުވެސް އަންހެން މީހާގެ ސަމާލުކަން ފިރިމީހާއަކަށް ނުލިބުނެވެ. އޭނާގެ ހުރިހައި ސަމާލުކަމެއް ހުރީ އޭނާގެ ސްމާޓް ފޯނަށެވެ. ޗެޓް ކުރުމަށާ އެފަދަ ކަންކަމަށެވެ.
ފިރިހެން މީހާއަށް ކެތް ނުކުރެވިގެން އެކަން ހުއްޓައި އޭނާއަށް ސަމާލުކަން ދިނުމަށް އެދުނެވެ. ޖަވާބުގައި އަންހެނުން ބުނީ އޭނާ ވާހަކަދައްކަނީ ތިމާގެ މީހުންނާއި ކަމަށާއި ޖަވާބު ދެނީ މަރުހަބާގެ މެސެޖުތަކަށް ކަމަށެވެ.
އެކަން އެވަގުތު ހުއްޓައިލަން ފިރިމީހާ އެދުމުން އަންހެނުން އެކަމަށް ކުރީ އިންކާރެވެ. އެވަގުތު ފިރިމީހާ ސުވާލުކުރީ މުހިންމީ ފިރިމީހާތޯ ނުވަަ ފޯނަށް ޖަވާބުދިނުންތޯއެވެ. ޖަވާބުގައި އަންހެނުން ބުނީ މުހިންމީ ފޯނަށް ޖަވާބު ދިނުން ކަމަށެވެ.
ޖަވާބުގައި ފިރިމީހާ ބުނީ އޭނާ ގެއަށް ދަނީ ކަމަށާއި ކައިވެނި ރޫޅައިލަން ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި އެގޮތަށް އޭނާ ވަނީ އަމަލުކޮށްފައެވެ.
ދެފަރާތުގެ އާއިލާއިންވެސް ދަނީ ކައިވެނި ދެމެހެއްޓުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް އޭނާ ބުނަނީ ހަޔާތުގެ އެންމެ މުހިންމު ވަގުތު އޭނާއަށްވުރެ ފޯނަށް ޖަވާބުދީ ޗެޓުކުރުން މުހިންމުވި އަންހެނަކާއިއެކު ދިރިނުއުޅެވޭނެ ކަމަށެވެ. ބޭނުމީ ކައިވެނި ރޫޅައިލަން ކަމަށެވެ.
ދެން އޮތީ ކޯޓުން ނިންމާ ނިންމުމަށް އިންތިޒާރުކުރުމެވެ.