ސީރިޔާގެ މައްސަލައަށް ޞުލްޙަވެރި ހައްލެއް ހޯދޭނެކަމުގެ އުންމީދާއެކު ވިއެނާ ބައްދަލުވުން ނިންމާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ސީރިޔާގެ މައްސަލައަށް ޞުލްޙަވެރި ހައްލެއް ހޯދޭނެކަމުގެ އުންމީދާއެކު ވިއެނާ ބައްދަލުވުން ނިންމާލައިފި
ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ޞުލްޙަވެރި ަހައްލެއް ހޯދޭނެކަމުގެ އުންމީދުތަކާއިއެކު ވިއެނާގައި މިއަދު ކުރިއަށް ގެންދިއަ މަޝްވަރާ ބައްދަލުވުން ނިންމާލައިފިއެވެ.

އެމެރިކާގެ ފޮރިން ސެކެޓްރީ ޖޯން ކެރީ ވިދާޅުވީ ރަޝިއާގެ ފޮރިން މިނިސްޓަރުވެސް ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަންޖެހޭ ކަންކަމަށް ރަސިއާއިން އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފައި ކަމަށެވެ.

ޖޯން ކެރީ ވިދާޅުވީ ބައްދަލުވުމުގެ ހުރިހައި ބައިވެރިންވެސް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓައި ސީރިޔާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ ހައްޤުތައް ފޯރުކޮށްދޭންޖެހޭ ކަމަށް އެއްބަސްވި ކަމަށެވެ.

މިހާރު އަމަލުކުރަން މަސައްކަތްކުރާ މަގުޗާޓުގައި ބުނެފައިވަނީ 1 އޮގަސްޓްގެ ކުރިން ބަޝާރުލްއަސަދު ވެރިކަމުގެ ބާރުތައް ދޫކޮށްލައްވައި ގުޅިފައިވާ ކޯލިޝަނެއްގެ ތެރެއިން ވެރިކަން ހިންގޭނެ މަގު ފަހިކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ނަމަވެސް ރަސިއާ އާއި އީރާނުގެ ވާގިވެރިކަމާއިއެކު ބަޝާރުލްއަސަދު އަދި ހުންނެވީ ބާރުތައް ދޫކުރައްވާ ގޮތަކަށް ނޫނެވެ. އެހެންކަމުން ސީރިއާގެ މައްސަލަ އިތުރަށް ދިގުލައިދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އދގެ ސެކިޔުރިޓީ ކައުންސިލު ނިންމުންތަކަށް ރަސިއާ އިން އިޙްތިރާމްކުރާކަމަށް ރަސިއާގެ ފޮރިން މިނިސްޓަރު ވިދާޅުވި ނަމަވެސް ރަސިއާ އިން އަދި ސެކިޔުރިޓީ ކައުންސިލުގެ އެއްބަސްވުން ރަސްމީކޮށް ބަލައިގަނެ ސޮއިކޮށްފައެއް ނުވެއެވެ.

އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުން މިއަދުވެސް ގެންދިއައީ އައިއެސްގެ ހަނގުރާމަވެރިންނަށް ވައިގެ ހަމަލާތައް ދެމުންނެވެ. ރަސިއާގެ އެހީތެރިކަމާއިއެކު ސީރިޔާ ސިފައިން ގެންދިއައީ އިދިކޮޅު ހަނގުރާމަވެރިންނަށް ހަމަލާތައް ދެމުންނެވެ. ސީރިޔާ ސިފައިން ގެންދިއައީ އދކޮޅު ޖަމާއަތްތަކުގެ ބާރުގެދަށުގައިވާ ސަރަހައްދުތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންނެވެ.

އެހެންކަމުން ސީރިޔާގެ މައްސަލަތަކަށް އަވަސް ހައްލެއް ލިބުމުގެ އުންމީދު އަދިވެސް ވަރަށް ކުޑައެވެ.
މިއަދު އޮންލައިން