ޑިމޮކްރަސީގެ ބަޠޮލާ ސޫކީގެ ސަރުކާރުން މުޒާހަރާކުރާ މީހުން ޖަލަށްލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ޑިމޮކްރަސީގެ ބަޠޮލާ ސޫކީގެ ސަރުކާރުން މުޒާހަރާކުރާ މީހުން ޖަލަށްލަނީ
ދުނިޔޭގެ ޑިމޮކްރަސީގެ ބަޠޮލާ ކަމަށް ގިނަ ބައަކު ބުނާ މިޔަންމާގެ ވެރިޔާ ސޫކީގެ ސަރުކާރުން، މިޔަންމާގެ މަގުތަކުގައި މުޒާހަރާކުރާ މީހުން ޖަލަށް ލުމުގެ މަސައްކަތް ފަށައިފިއެވެ.

ޞުލްޙަވެރިކަމާއިއެކު އެއްވެ އުޅުމުގެ ޤާނޫނަށް ސޫކީގެ ސަރުކާރުން ގެންނަން އުޅޭ އިޞްލާޙްތަކުގެތެރޭގައި މުޒާހަރާ ކުރުމުގެ 48 ގަޑިއިރު ކުރިން ހުއްދަ ނަގަންޖެހުމާއި މުޒާހަރާގައި ބޭނުންކުރާ ލިޔުންތައް ކުރިއަށް ފާސްކުރަންޖެހުން ފަދަ ކަންކަން ހިމަނާފައިވުމުން އެއީ ޞުލްޙަވެރިކަމާއިއެކު އެއްވެ އުޅުމަށް އެޅޭ ހުރަހެއް ކަމަށާއި އެ ހުރަސްތައް ނައްތައިލަންޖެހޭ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން ވަނީ ދާދިފަހުން މުޒާހަރާކޮށްފައެވެ.

މިމުޒާހަރާކުރި މީހުންގެ ތެރެއިން 5 މީހެއްގެ މައްޗަށް ޖިނާޢީ ދައުވާ އުފުލަން ފުލުހުން ދަނީ ތައްޔާރުވަމުންނެވެ. މުޒާހަރާގައި ހިނގަން އެއްބަސްވި މަގުތަކުގެ އިތުރުން ބައެއް މަގުތަކުގައި ހިނގާފައިވުމުގެ ކުށުގައެވެ.

މިކަމާއި ގުޅިގެން ގިނަ ބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެފަދަ މީހުން ބުނަނީ މިޔަންމާގެ މިލިޓަރީ ވެރިކަމުގައި ސޫކީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދިގު މުއްދަތުތަކުގައި ޖަލުތަކުގައި ބަންދުކުރެވިފައި ތިބީ ހަމަ މިފަދަ ކަންކަމުގައި ކަމަށްވާއިރު އެއިރު އެކަންކަމާއި ދެކޮޅަށް އަޑުއުފުލި ސޫކީއަށް ވެރިކަން ލިބުމުން ހަމަ އެކަންކަން ތަކުރާރުކޮށް ބައަކު ޖަލަށްލުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ބަލައިގަނެވޭނެ ކަމެއްވެސް ނޫން ކަމަށެވެ.

ޑިމޮކްރަސީގެ ބަޠޮލާ، ސޫކީގެ ސަރުކާރުން މިހާރު ފާސްކުރަން މަޖިލީހަށް ހުށަހަޅައި ކޮމިޓީ މަރުހަލާގައި ބަހުސްކުރާ ބިލުގައި އޮންނަގޮތުން ހުއްދަ ނުނަގައި މުޒާހަރާކޮށްފިނަމަ ފުރަތަމަ ފަހަރު 3 މަސް ދުވަހަށް ޖަލަށް ލެވޭނެއެވެ. ތަކުރާރުކޮށްފި ނަމަ 1 އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ.
މިއަދު އޮންލައިން