ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ލަންކާއަށް ދަތުރުކުރާ އިނގިރޭސި ރައްޔިތުން ސަމާލުކަން ދިނުމަށް އިނގިރޭސި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ.
ޚާރިޖިއްޔާއިން ބުނެފައިވަނީ މިހައިތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު 32 މިހުން މަރުވެފައިވާ ކަމަށާއި ވާރޭވެހި ކިސަނޑު ފޭބުމުގެ ސަބަބުން 3 އަވަށެއްގައި މީހުން ދިރިތިއްބައި ވަޅުލެވިފައިވާ ކަމަށެވެ. އެހެންކަމުން ލަންކާގައި ދަތުރުކުރުމުގައި މޫސުމަށް ބެލުމަށާއި ސަރުކާރުގެ އިލްތިމާސްތަކަށް ބަލައިގެން ދަތުރުކުރުމަށް އެދޭ ކަމަށެވެ.
ސްރީ ލަންކާއިން ލިބޭ ޚަބަރުތަކަށް ބަލާއިރު ވަޅުލެވުނު ބައެއް މީހުންގެ ހަށިތައް މިއަދު ވަނީ މަރުވެފައި ތިއްބައި ފެނިފައެވެ. 150 މީހުންނަށް ވީގޮތެއް އަދި ނުއެނގެއެވެ.
ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ދެ ލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރުގައި ފެންބޮޑުވުމުގެ ސަބަބުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.