ދުނިޔޭގެ މާލީ ނިޒާމަށް ކުރިމަތިވެފައި ހުރި އެންމެ ބޮޑެތި ގޮންޖެހުންތަކަކީ ޓެރަރިޒަމާއި ރިފިޔުޖީންގެ މައްސަލަތަކާއި އަދި އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މައްސަލަތައް ކަމަށް ޖީ7 ގެ މާލީ ވަޒީރުން ފާހަގަކުރައްވައިފިއެވެ.
ޖަޕާނުގައި ކުރިއަށް ގެންދިއަ މާލީ ވަޒީރުންގެ ބައްދަލުވުމުގެ ެތެރެއިން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ޤައުމުތަކަށް ހުރީ ތަފާތު ގޮންޖެހުންތަކެއް ކަމަށްވުމުން މައްސަލަތައް ޙައްލުކުރާނެ ގޮތް ނިންމާނީ އެ ޤައުމަކުން ކަމަށެވެ. މިފަދަ ބައްދަލުވުމަކުން ނިންމާ ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ ކަމަށެވެ.
ޓެކްސް އިން ބޮޑެތި އަދަދުތަކުން ވައްކަން ކުރިކަން ހާމަވެފައިވާ "ޕެނަމާ" ލީކުގައި ހާމަވެފައިވާ ކަންކަމަށް ފިޔަވަޅު އެޅުން މުހިންމުކަން ވެސް މާލީ ވަޒީރުން ވަނީ ފާހަަގަކުރައްވައިފައެވެ.
ގިނަ ޤައުމުތަކުގައި ސިޔާސީ ހަމަޖެހުން ނެތުމަކީވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި މާލީ ވަޒީރުން ވަނީ ފާހަގަކުރައްވައިފައެވެ.
ޖީ7ގައި ހިމެނޭ ޤައުމުތަކަކީ ޖަޕާން، ފްރާންސް، ޖަރމަނީ، ކެނެޑާ، އިޓަލީ، އިނގިރޭސި ވިލާތް އަދި އެމެރިކާ އެވެ. މި ޤައުމުތަކަކީ އިޤްޠިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ ޤައުމުތައް ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކަނޑައަޅާފައިވާ ޤައުމުތަކެވެ. ދުނިޔޭގެ މުއްސަނދިކަމުގެ 64 އިންސައްތަ ހިއްޞާ ކުރަނީ މިޤައުމުތަކުން ކަމަށް ބެލެވެއެވެ.