15 ވަނަ އޯއައިސީ ޓްރޭޑް ފެއަރ މާދަމާ ސައުދިއަރަބިޔާގެ ވެރިރަށް ރިޔާޛްގައި ސައުދީ ރަސްގެފާނު ހުޅުއްވައިދެއްވާނެ އެވެ. އިސްލާމީ 30 ޤައުމަކުން ބައިވެރިވާ މިފެއަރ ވެގްނދާނީ މިހައިތަނަށް ބާއްވާ އޯއައިސީގެ މިފަދަ އެންމެ ބޮޑު ޓްރޭޑް ފެއަރ އަށެވެ.
ސައުދީ ކޮމަރސް މިނިސްޓްރީއާއި ވިޔަފާރި ޖަމިއްޔާތަކާއި އޯއައިސީ ގުޅިގެން ބާއްވާ މިފެއަރގެ ތެރެއިން ވަރަށް ގިނަ ޤައުމުތަކާއި އަދި ވިޔަފާރި ކުންފުނިތަކާިއެކު ވިޔަފަރީގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސައުދީ ކޮމަރސް މިނިސްޓަރުގެ އެޑްވައިޒަރު އަލްޠާއިމީ ވިދާޅުވީ ސައުދިއަރަބިޔާއިން ބޭނުންވަނީ އިސްލާމީ ޤައުމުތަކުގެ ވިޔަފަރީގެ ގުޅުން އިތުރަށް ބަދަހިވެ އެކަމުގެ ފައިދާ ޤައުމުތަކަށް ލިބުމަށް ކަމަށެވެ.
އަލްޠާއިމީ ވިދާޅުވީ މުސްލިމް ޤައުމުތަކަށްވެސް ކުރިއަރައި ދެވޭނީ ޤައުމީ އުފެއްދުންތެރިކަން އިތުރުކޮށް އެކްސްޕޯޓް ކުރެވޭ އަދަދު އިތުރުކޮށްގެން ކަމަށާއި އެކަމަށްޓަކައި ސައުދިއަރަބިޔާއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުން ސައުދީގެ އުފެއްދުންތައް މިހާރު 100 އަށްވުރެ ގިނަ ޤައުމުތަކަށް އެކްސްޕޯޓްކުރާ ކަމަށެވެ.
ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން ގެންދާ އޯއައިސީ ފެއަރގެ ބޭނުމަކީ މުސްލިމް ޤައުމުތަކުގެ އުފެއްދުންތެރިކަމާއި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމެވެ. މި ޓްރޭޑް ފެއަރގެ ހަވާސާގެ ތެރެއިން 9 ވަނަ ފޯރަމް ފޮރ ބިޒްނަސް ވިމަން އިން އިސްލާމިކް ކަންޓްރީޒް އަންނަ ބުދަ ދުވަހު ކުރިއަށް ގެންދާނެއެވެ.