ގާޒާގެ ސްޕައިޑަރމޭން، 12 އަހަރުގެ މުޙައްމަދުގެ އުންމީދަކީ ދުނިޔޭގެ ރެކޯޑް ފޮތަށް އެރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ގާޒާގެ ސްޕައިޑަރމޭން، 12 އަހަރުގެ މުޙައްމަދުގެ އުންމީދަކީ ދުނިޔޭގެ ރެކޯޑް ފޮތަށް އެރުން
ޣާޒާގެ ކުޑަކުދިންގެ ތެރޭގައި ހިމެނޭ ޣާޒާގެ ސްޕައިޑަރމޭން، އުމުރުން 12 އަހަރުގެ މުޙައްމަދު އަލްޝައިޚް ގެ އުންމީދަކީ ދުނިޔޭގެ އެންމެ ބޮޑު ހުޅުވާލެވިފައިވާ ޖަލުގެ ގޮތުގައި ޣާޒާ ބަންދުކުރެވިފައި އޮތްނަމަވެސް ދުނިޔޭގެ ރެކޯޑް ފޮތަށް އޭނާ އެރުމެވެ.

ހަށިގަނޑަށް ގިނަ ބަދަލުތަކެއް ގެނައުމުގެ ހުނަރު ލިބިފައިވާ މުޙައްމަދުގެ ހަރަކާތްތަކަށް ގިނަ ބައެއްގެ ޝައުޤުވެރިކަން މިހާރުވެސް ވަނީ ލިބިފައެވެ. ސްޕައިޑަރމޭން ލައްވާ ގިނަ ހަރަކާތްތައް އޭނާ އަމިއްލަ ހަށިގަނޑުން ކުރެއެވެ.

އިސްކޮޅުގައި 1.37 މީޓަރު ހުންނަ، ބަރުދަނުގައި އެންމެ 29 ކިލޯ ހުރި، މުޙައްމަދުގެ ކޯޗް، އުމުރުން 26 އަަހަރުގެ މުޙައްމަދު ލުއްބާބް ބުނީ ދުނިޔޭގެ އެއްވެސް މީހެއްގެ ހަށިގަނޑުން ނުކުރެވޭ 4 ހަރަކާކެއް ކުރުމުގެ ހުނަރު މުޙައްމަދު އަލްޝައިޚަށް ލިބިފައިވާ ކަމަށެވެ.

މުޙައްމަދުގެ މަންމަ ޙަނާން ބުނީ އޭނާގެ ދަރިފުޅަކީ މިހާރުވެސް ދުނިޔޭގެ ސްޕަރ ހީރޯއެއް ކަމަށާއި އޭނާ އިންތިޒާރުކުރަނީ އެކަން ދުނިޔެއިން ބަލައިގަންނާނެ ދުވަހަކަށް ކަމަށެވެ.

ބައެއްފަހަރު ރެސްޓޯރަންޓުތަކަށްވަދެ ގޮނޑީގައި އިށީނުމަށްފަހު ދެފައި ފުރަގަހުން އުފުލައި ކޮނޑުމަތިން ގެންގޮސް މޭޒުގައި ހުންނަ ކޮފީތަށި ފައިތިލައިން ނަގައި ކޮފީ ބުއިމަކީ މުޙައްމަދުގެ ޢާންމު ކަމެކެވެ.

މުޙައްމަދު ބުނީ ސޯޝަލް މީޑިއާތަކުގައި އޭނާ ހާމަކުރާ ވީޑިއޯތަކަށް ދުނިޔޭގެ އެކި ޤައުމުތަކުން ގިނަ ބައެއްގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށެވެ. ނަމަވެސް ހުރިހައި ވެސް މައްސަލައަކީ އިޒްރޭލުން ޣާޒާ ބްލޮކްކޮށްފައި އޮތުމުން ޣާޒާއިން ބޭރަށް ނުކުމެ އެހެން ޤައުމުތަކަށް ގޮސް ހުނަރު ދައްކައިލުމުގެ ފުރުޞަތު އޭނާއަށް ނެތުން ކަމަށެވެ.

މުޙައްމަދު އަލްޝައިޚް އަކީ އޭނާގެ މަންމައަށް ލިބިފައިވާ 8 ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. އެހެންކަމުން ފިލައިގެން ދިއުން ފަދަ ގޮތަކުން ޣާޒާއިން ބޭރަށް މުޙައްމަދު ދިިއުމަކީ މަންމަ އެއްގޮތަކަށްވެސް އެދޭކަމެއް ނޫނެވެ.
މިއަދު އޮންލައިން