ޒަމާނީ ޓެކްނޮލޮޖީގައި، ޚާއްޞަކޮށް ސްމާޓް ފޯނު އުފެއްދުމުގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ކުންފުނިތަކުގެތެރޭގައި ހިމެނޭ އެޕްލް އިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭނުންފުލުވަނީ އިންޑިއާގައި އީ-ތައުލީމާއި ޞިއްޙަތު އަދި ދަނޑުވެރިންނަށް ކުރިއެރުންތައް ލިބޭނެ ގޮތެކެވެ.
އިންޑިއާއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ އެޕްލްގެ ސީއީއޯ ޓިމް ކުކް އާއއެކު ހޮނިހިރު ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި މޯދީ ވިދާޅުވީ އެމަނިކުފާނުގެ "ޑިޖިޓަލް އިންޑިއާ" ޕްރޮގްރާމަށް އެޕްލްގެ އެހީތެރިކަން ބޭނުންފުޅު ކަމަށެވެ. އަދި ދުނިޔޭގައި އިތުރުވަމުންދާ ސައިބަރ ކްރައިމްގެ މައްސަލަތައް ހުއްޓުވުމުގައި ވެސް އެޕްލްއަސް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
އެޕްލްގެ އުފެއްދުންތަކަށް އިންޑިއާގައި މާބޮޑު ތަރްޙީބެއް އަދި ނެތް ނަމަވެސް ޓިމް ވަނީ އިންޑިއާގައި ވިޔަފާރި ފުޅައު ކުރައްވަން ބޭނުންފުޅުކަމާއި އެޕް ޑިވޮލޮޕް ކުރުމުގައި އިންޑިއާގައި ކުރެވިދާނެ މަސައްކަތްތަކެއް އެބަހުރިކަން ފާހަގަކުރައްވައިފައެވެ.
ޓިމްގެ ދަތުރުފުޅުގައި ގެންދަވަނީ ޒުވާނުންނާއި އަދި ބޮލީވުޑްގެ ތަރައިންނާއި ވެސް ބައްދަލުކުރައްވަމުންނެވެ. މޯދީ ވަނީ އެޕްލްގެ ވިޔަފާރިއަށް ކުރިއެރުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވައިފައެވެ.
ޓިމް ވަނީ އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން ދުބާއީއަށްވެސް ޒިޔާރަތް ކުރައްވައި އެޕްލްގެ އުފެއްދުންތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވައިފައެވެ.