ސައުދިއަރަބިޔާގެ ޤާޠިފްގައި އިންޑިއާގެ ފަސް މީހަކަށް އަނިޔާކޮށް ދިރިތިއްބާ އަންދައިލުމަށްފަހު ވަޅުލި ސައުދިއަރަބިޔާގެ 3 މީހަކު މެރުމަށް ސައުދީ ކޯޓަކުން ހުކުމްކޮށްފިއެވެ.
މިމައްސަލަ ކުރިމަތިވީ ދަނޑު ބިމެއް މީހެއްގެ އަތުން ގަތުމަށްފަހު ދަނޑުވެރިކަން ކުރި މަސައްކަތުގައި ކޮނުނު ވަޅުގަނޑަކުން އެމީހުންގެ ކަށިތައް ފެނުމުންނެވެ. މިކަމާއި ގުޅިގެން ފުލުހުން ކުރި ތަޙްޤީޤުގައި ލިބުނު ހަމައެކަމި ހެއްކަކީ އެކަން ކުރި އެކެއްގެ ނަން ލިޔެފައިވާ ރަން އަނގޮޓިއަކާއި އޭނާގެ އައިޑީ ކާޑެވެ.
މިތަކެތީގެ އެހީގައި ފުލުހުން ކުރި ތަޙްޤީޤުން އެނގުނީ މިކަން ކުރީ 3 މީހަކު ކަމަށާއި އެކަންކުރީ ބަނގުރާ ވިއްކުމުގެ މައްސަލައެއްގައި އުފެދުނު ޚިޔާލުތަފާތުވުމެއްގައި ކަމެވެ.
މިކަމާއި ގުޅިގެން ފުލުހުން ހިންގި ތަޙްޤީޤްގައި 25 މީހަކު ބަންދުކުރިއެވެ. ނަމަވެސް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ލިބުނީ 3 މީހެއްގެ މައްޗަށެވެ.