މަސްތުވާ ތަކެތި ބޭނުން ކުރާ ކުވައިތުގެ "ހަކުރަކު" އޭނާގެ 4 އަހަރުގެ ދަރިފުޅު އިސްރާ، އަނިޔާވެރި ގޮތަކަށް މަރައިލުމަށްފަހު ފްރީޒަރަކަށް ލާފައި އޮއްވައި ފެނިއްޖެއެވެ.
ކުވައިތުގެ ފުލުހުން ބުނީ ލިބުނު މައުލޫމާތަކާއި ގުޅިގެން އޭނާގެ ގެއަށް ގޮސް ހޯދި ހޯދުމުން ކުއްޖާގެ ހަށިގަނޑު ފްރީޒަރަކުން ފެނުމުން 26 އަހަރުގެ އެމީހާ ފުރަތަމަ ހެދީ ދޮގު ކަމަށެވެ. "އަހަރެން ނުމަރަން. އަހަރެން ގެންގުޅުނު ބޭސް ގުޅައެއް ކައިގެން މަރުވީ."
ނަމަވެސް ތަޙްޤީޤަށް އެއްބާރުލުންދީ ފަހުން އެމީހާ ބުނީ ކަރަންޓު ނަރެއްގައިވެސް ޖެއްސިކަމަށާއި ގައަށް ހޫނުފެންވެސް ެއެޅިކަމަށެވެ. އަދި ތަޅައި އަނިޔާ ވެސް ކުރި ކަމަށެވެ. އެކަންކަން ކުރީ އަނބިމީހާ އާއި ހަގަށް ތިބި 3 ކުދިންގެ ކުރިމަތީގައި ކަމަށެވެ. އަދި މިހުރިހައި ކަމެއް ކުރީ ފްލެޓް ތެރޭގައި އިސްރާ އުޅޭގޮތުން ރުޅިގަދަވެގެން ކަމަށެވެ.
"ފަހުން ދެރަވި. ފާމަސީން ބޭސް ގުޅައެއް ގެނެސް ކާންވެސް ދިނިން. އެކަމަކު އެނާ މަރުވީ. ދެން އަހަރެން ބާޒަރުން ފްރީޒަރެއް ގަނެގެން ގެނެސް ހަށިގަނޑު ފްރީޒަރަށްލީ. އަނބިމީހާ ބިރުން ގޭގައި އިންނަން ދެކޮޅު ހެދިމާ 3 ދަރިންނާއިއެކު ގެންގޮސް އަހަރެންގެ މަންމަ އާ ހަވާލުކުރީ. އަހަރެން ބުނިން ދަރިފުޅު އިސްރާ އޮތީ ހޮސްޕިޓަލުގައޭ. އަހަރެން މިދަނީ ހޮސްޕިޓަލަށޭ. އިސްރާ ގަދަވަންދެން މިމީހުން ބަލައިދޭށޭ."
އިސްރާގެ މަރާއި ގުޅިގެން މަންމަ ފުލުހަށް ހާޒިރުކޮށް ކުރި ތަޙްޤީޤުން އެނގުނު ގޮތުގައި ދެމަފިރިންނަކީވެސް މަސްތުވާތަކެތި ބޭނުންކުރާ ދެ "ހަކުރުން"ނެވެ. އަދި އިސްރާގެ ބައްޕަ ވަޒީފާ އިން ވަކިކުރީ ވެސް މަސްތުގެ ހާލުގައި ހުރެ އޮފީހުގައި ކަންތައްގަނޑެއް ހިންގައިގެންނެވެ.