ސައުދީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި އެނޫންވެސް ކަންކަމުގައި ސައުދީ އިސްލާމިކް މިނިސްޓްރީން މަސައްކަތްތަކަށް ސައުދީ އަންހެނުންގެ ސަބަބުން ދަނީ ބޮޑެތި ކުރިއެރުންތައް ލިބެމުން ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
މިނިސްޓަރުގެ ނާއިބު ތައުފީޤް ޢަބްދުލްޢަޒީޒް އަލްސުދައިރީ ވިދާޅުވީ އެމިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތައް ކުރިއަރުވައި ކާމިޔާބުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްދޭ އެއް ބައަކީ ސައުދީ އަންހެނުން ކަމަށެވެ. އަންހެނުންގެ ވަކާލާތުކުރުންތަކުގެ ސަބަބުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވާ ކަމަށެވެ. "މިނިސްޓްރީން އެދެނީ ވީހައި ގިނަ އަންހެނުން މިކަމުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް."
ނާއިބު ވިދާޅުވީ ހަމައެއާއިއެކު ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން މިނިސްޓްރީއަށް ލިބެމުން އަންނަކަން ފާހަގަކުރައްވާ ކަމަށެވެ.
ނައިބް ސުދާރީ ވިދާޅުވީ މުހިންމު މައުޟޫއުތަކަށް ބަހުސްކޮށް މަޝްވަރާ ކުރުމަށް އެމިނިސްޓްރީން ތަރުޙީބުދޭ ކަމަށެވެ. އަދި ކަންކަމުގައި ރަނގަޅު ކުރިއެރުން ލިބޭނީ ގިނަ ބައެއްގެ މެދުގައި ބިނާކުރުވަނިވި ބަހުސްތައްކޮށް ސައިންސްގެ އަލީގައި ދިރާސާތައް ކުރެވިގެން ކަަމަށެވެ. "ޤައުމުގެ ވީހައި ގިނަ ސަރަހައްދުތަކުގައި މަޝްވަރާތަކާއި ބަހުސްތައް ކުރިއަށް ގެންގޮސްދިނުމަށް މިއެދެނީ."
ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުން ފަދަ ކަންކަމުގައި ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ އިލްމުވެރިންނާއި އިމާމުންގެ އެހީތެރިަކަމަށް ނާއިބު ވަނީ އެދިވަޑައިގެންފައެވެ. އެ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވޭނެ ބައަކީ ދީނީ އިލްމުވެރިންނާއި އިމާމުން."