ނަސްލީ ތަފާތު ކުރުމަށް ގޮންޖަހައި މަދީނާގެ ޤަދަރުވެރި ޤަބީލާއެއްގެ އަންހެނަކު ސީރިޔާގެ ފިރިހެނަކާ ކައިވެނިކޮށްފިއެވެ.
މިކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. ބައެއް މީހުން ބުނެފައިވަނީ ކައިވެނިކުރާނެ މީހާ ކަނޑައެޅުމުގެ ޙައްޤު އަންހެނުންނަށް ލިބިފައިވާ ކަމަށެވެ. އަދި އިސްލާމް ދީނުގައި މަތިވެރިވަނީ ޤަބީލާ ނޫން ކަމަށާއި ތަޤްވާވެރިކަން ކަމަށެވެ. އަދި އެހެން ޤައުމުތަކުގެ އަންހެނުންނާއި ކައިވެނި ކުރުން ސައުދީ ފިރިހެނުންނަށް ހުއްދައިރު އެ ޙައްޤު އަންހެނުންނަށްވެސް ލިބެންޖެހޭނެ ކަމަށެވެ.
މިކައިވެންޏާއި ދެކޮޅު ބައެއް މީހުން ބުނެފައިވަނީ ކައިވެނި ރޫޅުމުން ފަހުން ރުއިމުގެ ބޭނުމެއް ނެތްކަމަށާއި ދަރިންނަކީ ސައުދީ ރައްޔިތުންނަށް ހަދަން ފަހުން ނުއުޅުމަށެވެ. އަދި އެކަންކަމަކީ ކައިވެނީގެ ކުރިން ވިސްނަން ޖެހޭނެ ކަންކަން ކަމަށެވެ.
މިކަމަށް ރައްދުދީ ބައެއް މީހުން ބުނެފައިވަނީ ސައުދީ ފިރިހެނުންނާއި ކައިވެނިކުރުމުން ކައިވެނި ރޫޅޭ އަދަދު ވަނީ އިންތިހާއަށް އިތުުރުވެފައިކަމަށާއި އެތައް މިލިއަން ސައުދީ އަންހެނުން މިހާރުވެސް ވަނީ އެކަނިވެރި މައިންނަށްވެފައި ކަމަށެވެ.
"ކައު އިތުރު ރަސޫލާގެ މާތް ޞަޙާބީންގެތެރޭގައި ހިމެނިވަޑައިގަންނަވާ ބިލާލް ބިން ރަބާހް އަލް ޙަބަޝީ (ބިލާލްގެފާނު) އެއީ ހަބަޝް، އިތިއޯޕިއާގެ ބޭކަލެއް، ބިލާލްގެފާނު ވަނީ މައްކާގެ އެންމެ ޤަދަރުވެރި ޤްރައިޝްވަންހައިގެ އަންހެން ބޭކަނބަލެއް ކަމަށްވާ ޙާލާ އާއި ކައިވެނި ބައްލަވައިގެންފަ. އެހެންވީމާ ޖާހިލިއްޔަ އުޞޫލުތަކަށް އެޒަމާނުގައި ވެސް އެވަނީ ނޫނެކޭ ބުނެ ނިމުމަކަށް ގެނެވިފަ. ދެން މިއަދު އެކަންކަން ނަގަހައްޓަން އުޅުމަކީ ޖާހިލިއްޔަ ޒަމާނަށް ރުޖޫޢަވުން." ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
ކައިވެންޏާއި ދެކޮޅު އެހެން މީހަކު ބުނެފައިވަނީ ސައުދީ އަންހެނުން އެހެން ޤައުމުތަކުގެ ފިރިހެނުންނާއި ކައިވެނި ކުރުމަކީ ވަރަށް މޮޔަ ކަމެއް ކަމަށާއި މިއީ ޚާއްޞަކޮށް ސީރިޔާގެ ފިރިހެނަކާ ސައުދީ އަންހެނަކު ކުރާ އެންމެ ފަހު ކައިވެނި ކަމަށް ވުމަށް އެދޭ ކަމަށެވެ.