ޗައިނާގެ މުސްލިމުން ރޯދަ ހިފިއަ ނުދޭނަމަ ޗައިނާ އާއިއެކު އަރަބި ގައުމުތަކުން ބާއްވާ ގުޅުން ކަނޑައިލަން ޖެހިދާނެ ކަމަށް ބުނެ އަރަބި ބައެއް ނޫސްތަކުގައި ހާމަކުރަން ފަށައިފިއެވެ.
"ރޯދަ އަކީ މުސްލިމުންނަށް ފަރުޟެއް. އިސްލާމް ދީނުގެ ރުކުނެއް. އެއީ އިޚްތިޔާރީ ކަމެއް ނޫން. ވާޖިބު ކަމެއް. އެހެންވީމާ ޗައިނާގައި ތިބި 10 މިލިއަން މުސްލިމުންގެ ޙައްޤުގައި ތެދުވަން އަރަބި ޤައުމުތަކަށް ޖެހޭނެ."
ބައެއް ނޫސްތަކުގައި ބުނެފައިވަނީ އިސްލާމް ދީނަކީ ކުޑަކުދިން ލައްވައި މަޖުުބޫރުން ރޯދަ ހިއްޕުވާ ދީނެއް ނޫންކަން ވެސް ޗައިނާއަށް ނުއެނގޭ ކަށެވެ. އަދި ކުޑަ ކުދިންނާއި ސަރުކާރު މުވައްޒިފުން ރޯދަ ހިފިއަ ނުދެނީ އިސްލާމް ދީނުގެ މައުލޫމާތު ނުއެނގޭތީ ކަމަށެވެ.
"ޗައިނާ އިން ވިސްނަންޖެހޭނެ ޗައިނާގެ އިކޮނޮމީގެ އެންމެ ބޮޑު ބައެއް ޙިއްޞާ ކުރަނީ އަރަބި ޤައުމުތަކުންކަން. އެހެންވީމާ މުސްލިމް ޤައުމުތަކަށް އެޅޭނެ ފިޔަވަޅުވެސް ހުންނާނެ." ކަމަށް ބުނެ ބައެއް ނޫސްތަކުގައި ގެންދަނީ ޗައިނާއަށް އިންޒާރުގެ ބަސްތައް ރައްދުކުރަމުންނެވެ. ނަމަވެސް އެއްވެސް މުސްލިމް ޤައުމަކުން މިކަމުގައި އަދި ބަހެއް ބުނެފައެއް ނުވެއެވެ.
"ޒިއާންޖިންގ ޕްރޮވިންސުން ކޮންމެ އަހަރަކު އަޅަމުން ގެންދާ މިފިޔަވަޅު އަނބުރައި ނުގެންދާނަމަ މުސްލިމުންނަށް މަޖުބޫރު ވާނީ ޗައިނާގެ އުފެއްދުންތައް ބޮއިކޮޓްކުރަން. އެކަން މުސްލިމުން ކުރާނެ" ކަމަށްވެސް ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ.
ޗައިނާގެ ރައީސް ޒީ ޖިންޕިން ވަނީ ޗައިނާގައި ދީނީ މިނިވަންކަން އޮންނާނެ ކަމަށާއި ރޯދަ ހިފޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޒިއާންޖިން ޕްރޮވިންސްގައި މިއަހަރުވެސް ވަނީ ރޯދަ ހިފުން މަނާކޮށްފައެވެ.