ބަންގްލަދޭޝްގައި އިސްލާމް ދީން ނޫން އެހެން ދީންތަކުގެ މީހުންނަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން 3000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.
ބަންގްލަދޭޝްގެ ފުލުހުން ބުނީ މިކަންކަމާއި ގުޅިގެން މިހައިތަނަށް 3155 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޮޕަރޭޝަން އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ. އަދި މީގެ ތެރޭގައި ހަރުކަށި ޖަމާއަތްތަކުގެ 37 މީހަކު ހިމެނޭ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެހެންދީންތަކުގެ މީހުންނަށާއި އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުންނަށް ދެމުންގެންދާ ހަމަލާތައް ކޮންމެ ގޮތަކުން ނަމަވެސް ހުއްޓުވާނެ ކަމަށެވެ.
ބޮޑުވަޒީރު ޝައިޚް ޙަސީނާ ވިދާޅުވީ އެކަމަށް ވަގުތު ނަގައިފާނެ ކަމަށާއި ނަމަވެސް ބަންގްލަދޭޝްއަށް އަމާންކަން ގެންނަވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ސަރުކާރުގެ މިއަމަލުތަކަށް ގިނަ ބައަކު ގެންދަނީ ރައްދުދެމުންނެވެ. "ސަރުކާރުން ބޭނުންވެގެން އުޅެނީ ވަކި ކަމެއް ހުއްޓުވާކަށް ނޫން. ސަރުކާރުން ހައްޔަރުކުރަން ބޭނުންވާ ގިނަ ބައަކު ހައްޔަރުކުރަން. މިހައިތަނަށް ހައްޔަރުކުރި މީހުންގެ ތެރޭގައިވެސް ކުށެއް ނެތް ޢާންމު ރައްޔިތުންގެ ގިނަ ބައަކު ހިމެނޭ"
ބަންގްލަދޭޝްގެ ބައެއް ޖަމާއަތްތަކުން ބުނެފައިވަނީ އެއްޖިންސުން ގުޅުން ހިންގުން ޢާންމުކުރުމާއި އެއްވެސް ދީނެއް ޤަބޫލުނުކުރުން އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ހުއްޓުވާނެ ކަމަށެވެ. ބަންގްލަދޭޝް އަކީ 80 އިންސައްތަ މުސްލިމް ޤައުމެއް ކަމަށާއި ބަންގްލަދޭޝްގައި އިސްލާމް ދީން ހިމާޔަތްކުރެވެން ޖެހޭނެ ކަމަށެވެ.